ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ބަހާ ފައިސާގައި ހިފުމަކީ ޤައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓޫ އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ މ. އަތޮޅަށް ފެއްޓެވި ރިޔާސީ ކެމްޕެއިންގައި މުއްޔަށް ވަޑައިގެން އެ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވަރަށް ނުފޫޒު ފޯރުވައި ފައިސާ ހުރި ފަރާތްތަކުން ފައިސާ ވެސް ބަހާނެ ކަމަށެވެ.
ފައިސާއަކީ ބޭނުން ވާނެ އެއްޗެއް ކަމަށާއި ނަމަވެސް ފައިސާ އެކި ފަރާތްތަކުން ކެމްޕެއިން ތެރޭގައި އެ ދޭ ދިނުމަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ލޮލުގެ ކުރިމައްޗަށް، ވިސްނުމުގެ ކުރިމައްޗަށް އެޅޭ ކަޅު، އަނދިރި ހިޔަންޏަކަށް ވެގެން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރިޝްވަތުގެ ގޮތުގައި ދޭ ފައިސާގައި ހިފައިފި ނަމަ، ރަށާއި ގައުމަށް ވާނެ އެއްޗެއް ވާން ދޫކޮށްލެވެނީ ކަމަށާއި އަދި އެއީ ރަށުގެ ތަރައްޤީ އަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ފައިސާގައި ހިފުމަކީ ދިވެހިންގެ ދަރީންގެ މުސްތަގްބަލް އަމިއްލަ އަށް ބަނަކޮށްލަން ދެވޭ ފުރުސަތެއް ކަމަށާއި ޕީޕީއެމް/ޕީއެންސީއަކީ ދިވެހި ގައުމު ދެކެ ލޯބިވާ ބައެއް ކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސާފުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މިގޮތުން ފަރުދީ ޒިންމާ ހިމެނޭހެން ދިވެއްސަކަށްވީތީ ދިވެހި ގައުމިއްޔަތުގެ ޒިންމާ އަދާކުރާ ބަޔަކަށް ވާން އެބަޖެހޭ ކަމަށާއި އިސްލާމަކަށް ވީތީ އޮތް ޒިންމާ އަދާކުރަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.