ހުޅުމާލޭގައި މީހުން ދިރިއުޅެން ދޫކޮށްފައިވާ ގޯތި ތަކުގައި 7 ބުރިއަށް ވުރެ އުސްކޮށް އިމާރާތް ނުކުރެވޭ ގޮޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފިއެވެ.
މީހުން ދިރިއުޅެން ހުޅުމާލޭން ދޫކޮށްފައިވާ ގޯތިތަކުގައި މިހާރު 10 ބުރިއަށް (31 މީޓަރު)ގެ އުސްމިނުގައި އިމާރާތްކުރެވޭނެ ކަމަށާއި އެ އުސްމިނުގައި އިމާރާތްކުރާ އިރު އަމަލުކުރަން ޖެހޭނެ މިންގަނޑުތައް އާއްމުކޮށްފައިވާ ކަމަށް އާބަންކޯ އިން މީޑިއާތަކަށް ފޮނުވި ބަޔާނުގައި ވަނީ ބުނެފައެވެ.
އުސްމިނުގެ އިތުރުން ކުރީގެ ގަވައިދާ ތަފާތުކޮށް މިފަހަރު އޮތް އެއް ކަމަކީ އިމާރާތްތަކުގެ ފަންގިފިލާގެ އަދަދު ބެލުމުގައި ބިމުން އަޑިއަށް ހުންނަ ބައި (ބޭސްމަންޓް) ނުހިމެނުމާއި ޓެރަހުގެ ދެބައިކުޅަ އެއްބައި ހިޔާކޮށްގެން ބޭނުންކުރެވޭ ގޮތަށް އޮތުމެވެ.
އިމާރާތެއް 15 މީޓަރަށް ވުރެ އުސްކުރާ ނަަމަ ލިފްޓް ބަހައްޓަން ވެސް އެ ގަވައިދަށް ގެނައި ބަދަލުގައި އާބަންކޯ އިން ވނީލާޒިމްކޮށްފައިވެއެވެ.
ލިފްޓް ބަހައްޓާ އިރު ލިފްޓް މެޝިން ރޫމް އެންމެ އުސްކޮށް ބެހެއްޓޭނީ ޓެރަހުން ފެށިގެން 4 މީޓަރަށެވެ.
އިމާރާތްތަކުގައި ހުންނަ އެޕާޓްމަންޓްތަކުގެ ނިސްބަތުން ޕާކިން ޖާގަ ބާއްވަން ވެސް ހުޅުމާލޭގައި އިމާރާތްކުރުމުގެ ގަވައިދަށް ގެނައި ބަދަލުގައި ލާޒިމްކުރެއެވެ.
އެގޮތުން 2 ކޮޓަރީގެ ކޮންމެ އެޕާޓްމަންޓަކަށް 2 ސަައިކަލްގެ ޖާގަ ބާއްވަން ޖެހޭ އިރު 1 ކޮޓަރީގެ ކޮންމެ އެޕާޓްމަންޓަކަށް 1 ސައިކަލްގެ ޖާގަ ބާއްވަން ޖެހޭނެ ކަމަށް އާބަންކޯ އިން ބުނެއެވެ.