ލުބުނާނުގައި ހައްޔަރު ކޮށްފައިވާ ލީބިޔާގެ ކުރީގެ ލީޑަރު ގައްޒާފީގެ ދަރިފުޅު ދޫކޮށްލުމަށް ލީބިޔާގެ ޝަރުޢި މުއައްސަސާތަކުން އެދިއްޖެއެވެ.
ގައްޒާފީގެ ދަރިފުޅު، ހަންނިބަލް ގައްޒާފީ ދޫކޮށްލުމަށް ލީބިޔާގެ މުވައްސަސާތަކުން އެދިފައި ވަނީ އޭނާ ކުރަމުންދާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގައި އޭނާ ސިއްހީ ހާލަތު ގޯސްވަމުން ދިއުމާއި ގުޅިގެންނެވެ.
ލީބިޔާގެ ޝަރުއީ ދާއިރާގެ އިސް 2 އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލް ސިއްދީގު އަލް ސޫރު ވަމީ ހަންނިބަލް ގައްޒާފީ ދޫކޮށްލުމަށް އެދި ލުބުނާނުގެ ޕްރޮސެކިއުޓަރ ޖެނެރަލްއަށް މި މަހު ސިޓީ ފޮނުވާފައެވެ.
ލީބިއާގެ ޕްރޮސެކިއުޓަރ ޖެނެރަލް ލުބުނާނުގެ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފޮނުވި ސިޓީގައި ވަނީ ލުބުނާނުން ގައްޒާފީގެ ދަރިފުޅު، ހަންނިބަލް ގައްޒާފީ ދޫކޮށްލައިފިނަމަ 1978 ވަނަ އަހަރު ގެއްލިފައިވާ ލުބުނާނުގެ ޝީޢައިންގެ ލީޑަރު މޫސާ އަލް ސަދުރުއާއި ގުޅުންހުރި މައުލޫމާތު ލިބުމުގެ ފުރުސަތު އޮތްކަމުގައެވެ.
ލީބިޔާގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ސިޓީގައި ވަނީ ޝަރީއަތަކާނުލާ ހަންނިބަލް ގައްޒާފީ ޝަރީއަތަކާ ނުލާ ހައްޔަރު ކޮށްފައި ވާ ސަބަބު ސާފުކޮށް ދިނުމަށް ވެސް އެދިފައެވެ. އަދި އޭނާ އެދިފައި ވަނީ ހަންނިބަލް ގައްޒާފީ ލީބިޔާއައި ހަވާލުކުރުމަށް ނުވަތަ އޭނާ ސީރިއާއަށް ފޮނުވުމަށް އެދިފައެވެ.
ހަންނިބަލް ގައްޒާފީ ހައްޔަރު ކޮށްފައި ވަނީ އޭނާ އާއިލާއެކު ސީރީއަގައި ދިރިއުޅެމުން ދަނިކޮށެވެ. އޭނާ ސީރިއާގައި ދިރިއުޅެމުން ދަނިކޮށް ހައްޔަރު ކުރުމަށް ފަހު ލުބުނާނަށް ގެންގޮސްފައި ވަނީ މީގެ 8 އަހަރު ކުރިންނެވެ.
ހަންނިބަލް ގައްޒާފީ ހައްޔަރު ކޮށްފައި ވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ.
ފާއިތުވި ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގހެން ހަންނިބަލް ގައްޒާފީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދަނީ ޝަރީއަތަކާއި ނުލާ އޭނަ ހައްޔަރުކޮށްގެން ގެންގުޅުމާ ދެކޮޅަށެވެ.
ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަން ފެށިފަހުން އޭނާ ވަނީ ހާލު ދެރަވެގެން 2 ފަހަރަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.