އިތިއޯޕިޔާގެ އަސްކަރިއްޔާއާއި ހަތިޔާރުއެޅި ޖަމާއަތެއް ކަމުގައިވާ ފާނޫގެ ފައުޖުތަކާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން އަސްކަރިއްޔާއިން ދިން ވަރުގަދަ ވައިގެ ހަމަލަތަކެއްގައި އާންމުންގެ 26 މީހުން މަރުވެއްޖެއެވެ.
ވައިގެ ހަމަލަތައް ދީފައި ވަނީ ހަމަނުޖެހުން ބޮޑު އުމްހިރާ ސަރަހައްދުގެ ރަށަކަށް ކަމަށާއި އެ ހަމަލަތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމުވެފައިވާ ކަމުގައި އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ބުނެއެވެ.
ވައިގެ ހަމަލަތަކުގައި މަރުވި މީހުންގެ ތެރޭގައި އެކި އުމުރުފުރައިގެ މީހުން ހިމެނެ އިރު އޭގެ ތެރޭގައި އުމުރުން 13 އަހަރުގެ ކުއްޖަކާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭ ކަމުގައި ހޮސްޕިޓަލުގެ އޮފިޝަލް ވިދާޅުވިއެވެ.
ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވީ 55 މީހުން ޒަހަމުވެފައިވާ ކަމަށާއި އޭގެ ތެރެއިން 40 މީހެއްގެ ހާލު ސީރިޔަސް ކަމުގައެވެ.
އަސްކަރިއްޔާއިން އެ ސަރަހައްދަށް ހަމަލަދީފައި ވަނީ ޑްރޯނެއް ބޭނުންކޮށްގެން ކަމަށާއި އެ ހަމަލަތަކުގައި މަރުވި މީހުންގެ އަދަދު 30 އަށްވުރެ އިތުރުވާނެ ކަމުގައި މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
އެ މީހުން ބުނީ ވައިގެ ހަމަލަތައް އަމާޒުކޮށްފައި ވަނީ މުދާ އުފުލާ ލޮރީއަކަށް ކަމަށެވެ.
އިތިއޯޕިޔާއަކީ އެފްރިކާ ބައްރުގެ 2 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ.