ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހުން ބަންދުން ދޫކޮށްލީ ގާނޫނާ ޚިލާފަށްކަމަށް ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެން, އެ މައްސަލާގައި ހިމެނޭ އެކަކު އަލުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މަތިވެރި ދާއިރާގެ މެންބަރު ޒަރީރަށް ހަމަލާދިނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ހަބީބީ ކެފޭ އެންޑް ބިސްޓްރޯތެރޭގައި އިންނަވަނިކޮށެވެ.
މި މައްސަލާގައި މއ.ނައިޓްވިލާ އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހަކު ވެސް ހައްޔަރުކުރިއެވެ. ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލީ ޝަރުތުތަކަކާ އެކުގައެވެ.
އެ ނިންމުމާމެދު ހިތްހަމަނުޖެހޭތީ ޕީޖީއިން އެ ނިންމުން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަަލަ ބެލުމަށްފަހު މި މަހުގެ 13 ވަނަ ދުވަހު ހައިކޯޓުން ބުނީ އެ މީހުން ބަންދުން ދޫކޮށްލީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެ މީހުން ބަންދުކުރަން ފަސް ދުވަސްތެރޭގައި ހުށަހަޅައިފިނަމަ ބަންދާމެދު ގޮތެއް ނިންމަން އަމުރުކުރާކަމަށް ވެސް ހައިކޯޓުން ކުރި ހުކުމުގައިވެއެވެ.
މި މައްސަލާގައި ހިމެނޭ މުލައިމާ މުޙައްމަދު (21އ) ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން މިއަދު އަމުރުކުރީ ތަހުގީގު މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުކުރުމަށެވެ.
ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ސީސީޓީވީ ސްނެޕްޝޮޓްތަކުން އޭނާ ހަބީބީ ކެފޭއަށް ވަންނަކަމަށް ބެލެވޭ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.