އައްޑޫ ސިޓީން ދޫކުރާ ގޯތިތަކަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާއަށް ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި މީދޫން 100 ގޯއްޗާއި ހުޅުދޫން 100 ގޯއްޗަށް ކުރިމަތިލުމަށް މިދިޔަ ފެބްރުއަރީގައި ހުޅުވައިލުމުން ޖުމްލަ 4160 މީހުން ފޯމު ހުށަހެޅިއެވެ. އޭގެތެރެއިން ޝަރުތު ހަމަވީ 3972 މީހުންނެވެ.
ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަތުރުފުރިހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާއަށް ވަނީ ހުޅުވައިލާފައެވެ.
މި ލިސްޓް ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ. އަދި މި ލިސްޓް އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގެ ވެބްސައިޓިގައި ވެސް ވަނީ ޝާއިއުކޮށްފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވަނީ ބޯހިޔާވަހިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ގޯތިދިނުމަށެވެ.
ދާއިމީ ލިސްޓް ޢިއުލާނު ކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް އެ އިދާރާގެ އަވަށު އޮފީސް ތަކުން ކުރަމުން ގެންދާނެ ކަމަށާއި ފޯމުގައި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމާމެދު, ފޯމު ހުށަހެޅިއިރު ވެފައިވާ އިގުރާރުގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން, ފޯމު ހުށަހެޅި އަވަށު އޮފީހަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 20 އޮގަސްޓް ވާ އާދީއްތަ ދުވަހުން ފެށިގެން 27 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 12:00އަށް ވަނީ ހުޅުވާލައިފައެވެ.
ޝަކުވާ ހުށަހަޅާ ފޯމް އަވަށު އޮފީހުން ލިބެން ހުންނާނެއެވެ. އަދި އެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ.