ދިރާސީ އައު އަހަރު ކުރިން އޮތް ގޮތަށް ބަދަލުކުރާ ވާހަކައާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ވެރިކަން ލިބިވަޑައިގެންފިނަމަ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާ ދުވަސް ކުރިން އޮތް ގޮތަށް ބަދަލުކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ކުުރިން ފަށަނީ ކޮންމެ އަހަރަކު ވެސް ޖެނުއަރީގައެވެ. ޒަމާނުއްސުރެ އޮތް އެ އުސޫލަށް ބަދަލު ގެނެސް 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަނީ އޮގަސްޓުގައެވެ.
ނަމަވެސް މުޢިއްޒު ވިދާޅުވީ މިހާރު އޮތް ގޮތުން ޗުއްޓީ ލިބޭ ދުވަސްވަރު ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްވަރާ ކަމަށެވެ. އަދި ޗުއްޓީގެ ބޮޑު ބައެއްގައި ދަތުރުފަތުރު ނުކުރެވި ޗުއްޓީ ބޭކާރުވެގެންދާ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި ޖުލައި 26 ވެސް އެ ދުވަސްވަރާ ދިމާވާތީ ސްކޫލުތަކުން އިންތިޒާމުކުރާ ކުޅިވަރު ހަރަކާތްތަކުގެ ތަމްރީނުތަކަށް ރަށުގައިި މަޑުކުރަންޖެހޭކަން ވެސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
މުޢިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެމްޕޭން ޖަލްސާގައި އިއުލާން ކުރެވުނު ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރުމާމެދު ރިސޯޓު ތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ކަންބޮޑުވުންތައް ލިބެމުންދާާ ކަމަށެވެ.
“އަޅުގަނޑު މި ކަންބޮޑުވުމަށް ހައްލު ގެނެސްދޭނަަން.“
މުޢިއްޒު ވިދާޅުވީ އެކަމުގެ ތަފުސީލް މިރޭ ފ.ނިލަންދޫގައި އޮންނަ ޖަލްސާގައި ހާމަކުރައްވާނެ ކަމަށެވެ.