ދިވެހި ދައުލަތުގެ މި އަހަރުގެ ހަރަދު 26.4 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު 26.4 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 22 ބިލިއަން ރުފިޔާގައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ހޭދަކުރިވަރާއި އަޅާބަލާ އިރު 19.8 އިންސައްތައިގެ އިތުރުވުމެކެވެ.
ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދު ކުރި 26.4 ބިލިއަން ރުފިޔާގެ ތެރޭގައި މުސާރަ އާއި އިދާރީ އަދި ހިންގުމަށް ކުރި ހަރަދާއި ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ހަރަދު ހިމެނެއެވެ.
ދައުލަތުގެ ހަރަދުތަކުގެ ތެރެއިން 11 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވަނީ އިދާރީ އަދި ހިންގުމުގެ ހަރަދަށެވެ.
ކެޕިޓަލް ހަރަދުގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ އަދި ލޯނުތައް އަނބުރާ ދެއްކުމަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ދައުލަތުން ކުރި ހަރަދުތަކުގެ ތެރޭގައި ސަބްސިޑީތަކަށް ހޭދަ ކުރި 2.5 ބިލިއަން ރުފިޔާ ހިމެނޭ އިރު ތަރައްގީގެ މަޝްރޫއުތަކަށް ވަނީ 6.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ދިވެހި ދައުލަތަށް އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނީ 20.6 ބިލިއަން ރުފިޔާއެވެ. އޭގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ ކަމަށް ވާއިރު ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތައް ލިބިފައި ވަނީ 15.8 ބިލިއަން ރުފިޔާ ތަފާސްހިސާބުން ދައްކައެވެ.
އެއީ ޖުމްލަކޮށް ދައުލަތައް ލިބުނު އާމްދަނީގެ 76 އިންސައްތައެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތައް ލިބުނީ 4.5 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ނެގި 93.8 މިލިއަން ރުފިޔާ ހިމެނޭ އިރު ކުރީ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނީ 161 މިލިއަން ރުފިޔާއެވެ.