ޗައިނާގެ ދިފާއީ ވަޒީރު ލީ ޝެންގްފޫ ރަޝިޔާއާއި ބެލަރޫސަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.
މި ދަތުރުފުޅު ފައްޓަވާފައި މި ވަނީ ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރަޝިޔާގެ އިތުރުން ބެލަރޫސް އެކަހެރި ކުރަން ހުޅަނގުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެމަނިކްފާނުގެ މި ދަތުރުފުޅުގެ ބޭނުމަކީ އެ 2 ޤައުމަށް ޗައިނާގެ ތާއީދާއި އެއްބާރުލުން ލިބެމުންދާނެ ކަން ހާމަކޮށްދިނުމެވެ.
ރަޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ ވެރިރަށުގައި ބާއްވާ މޮސްކޯ ކޮންފަރެންސް އޮން އިންޓަރނޭޝަލް ސެކިޔުރިޓީގައި ލީ ތަޤުރީރު ކުރައްވާނެއެވެ.
ލީގެ ތަޤުރީރު އަމާޒު ކުރައްވާނީ ހުޅަނގުގެ ޤައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަމާ ނުލައި ތަރައްޤީއާއި ކުރިއެރުން ހޯދާނެ ގޮތްތަކަށް ކަމުގައި ރަޝިޔާގެ އޮފިޝަލަކު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ އެހެން ޤައުމުތަކުގެ ދިފާއީ ވަޒީރުންނާ ލީ ބައްދަލު ކުރައްވާނެ ކަމުގައި ޗައިނާބުނެއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވުމަށް 100 ޤައުމަކާއި ބައިނަލްއަޤުވާމީ 8 ޖަމުޢިއްޔާއަކަށް ދައުވަތު އަރުވާފައިވާ ކަމުގައި ރަޝިޔާއިން ބުނެއެވެ.
ބައްދަލުވުމުގެ ހަވާސާގައި ލީ ވަނީ ރަޝިޔާގެ ރައީސް ވްލައިމިޔަރ ޕުޓިންއާއި ދިފާއީ ވަޒީރު ސަރްޖޭ ޝޮއިގޫއާ ބައްދަލު ކުރައްވާފައެވެ.
ރަޝިޔާގެ މޮސްކޯއަށް ވަޑައިގެންނެވުމަށް ފަހު ލީ ދެން ވަޑައިގަންނަވާނީ ބެލަރޫސަށެވެ.
ބެލަރޫސަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ ފަޅިއަށް އަރާފައިވާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.
ބެލަރޫސްގެ އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމުގެ ފުރުޞަތު ވެސް އެ ޤައުމުން ދަނީ ރަޝިޔާގެ އަސްކަރިއްޔާއަށް ދެމުންނެވެ. ރަޝިޔާގެ ކުލީ ސިފައިންގެ ކުންފުނި ވާގްނަރ ގުރޫޕުގެ ހަތިޔާރުއެޅި މީހުންނަށް މި ވަގުތު ހިމާޔަތް ދެމުންދަނީ ބެލަރޫސުން ކަން ފާހަގަކޮށްލެވެއެވެ.