ރެފިއުޖީންތަކެއް ގޮވައިގެން ދަތުރު ކުރި ބޯޓެއް ތޫނިސްގެ އައްސޭރިފަށަށް ފެތި އޭގައި ދަތުރު ކުރި މީހުންގެ ތެރެއިން 5 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ތޫނިސްގެ ރަށެއް ކަމުގައިވާ ޞަފާޤިސްގެ އައްސޭރިފަށުގައެވެ.
އެ ހާދިސާގައި ކަނޑުވި ކަމަށް ބެލެވޭ އިތުރު ބަޔަކު ހޯދަން ތޫނިސްގެ ކޯސްޓްގާޑުން ދަނީ މަސައްކަތް ކުރަމުންނެވެ.
ކަނޑުވެފައިވާ ކަމަށް ބެލެވޭ 7 މީހަކު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށާއި 23 މީހުން ސަލާމަތްކޮށް މިހާރު އެއްގަމަށް ގެންގޮސްފައިވާ ކަމުގައި ތޫނިސްގެ ކޯސްޓްގާޑުގެ ތަރުޖަމާނު ސައްޔިދީ މަޞްމޫދީ ވިދާޅުވިއެވެ.
އެ ދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކާއި 2 އަންހެނުން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެ ބޯޓުގައި ތިބީ ގަވާއިދާ ހިލާފަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން މަސައްކަތް ކުރި ރެފިއުޖީންނެވެ.
އެއީ އެފްރިކާ ބައްރުގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ.
ތޫނިސްއަކީ ގަވާއިދާ ހިލާފަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރާ ރެފިއުޖީން ބޭނުންކުރާ އެއް ބަނދަރަށްވާ އިރު ތޫނިސް މެދުވެރިކޮށް މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރާ ރެފިއުޖީންގެ އަދަދު ފާއިތުވި މަސްތަކުގެ ތެރޭގައި އިތުރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.