ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ބަރުދަން ލުއި ކުރެވޭނީ ވަރުގަދައަށް ޑައިޓް ކޮށް، ދުވަން ނުވަތަ ޖިމަށް ގޮސް އެވަރަށް ކަސްރަތުކޮށްގެންނެވެ. ބައެއް މީހުންގެ ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން ޖިމަށް ދިއުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ބައެއް މީހުންނަށް މިއީ ފޫހިކަމެކެވެ.
ބަރުދަން ލުއި ކުރަންށޭ ބުނެ ހެނދުނުގެ ނާސްތާ ނުނަގާ ދޫކޮށްލާ ވަރަށް ގިނަ މީހުން އުޅެ އެވެ. މިއީ ކެލޮރީސް މަދުކޮށްލަން ކަމަށް ބުނެ ކުރާކަމަކަށް ވާއިރު އޭގެ ސަބަބުން ދެން ދުވާލުގެ އެކި ގަޑި ގަޑީގައި މާ ގިނައިން ކެލޮރީސް ކެވޭގޮތްވެ އެވެ.
ޔޯގާ ހެދުމަކީ ގޭގައި ހުރެގެންވެސް ކޮށްލެވިދާނެ ކަމެކެވެ. ޔޫޓިއުބުން ޔޯގާ ހަދާނެ ގޮތުގެ ގިނަ ވީޑިއޯތައް ހުރިކަމުގައި ވިޔަސް ފަށައިގަންނައިރު އެންމެ ރަނގަޅުވާނީ އެކަމުގެ މާހިރެއްގެ ލަފާހޯދައިގެން އެކަން ކުރުމެވެ. މިހާރު އޮންލައިންކޮށް ޔޯގާ ދަސްކޮށްދޭ ކްލާސްތައް ވެސް ހުރެ އެވެ.
ކަސްރަތު ކުރުމާއި އެއްވަރަށް ނިދި ހަމަކުރުމަކީ ބަރުދަން ލުއި ކުރުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ފަހުން އަނެއްކާ ވެސް ބަރުދަން އިތުރުވުމުން ދުރުކޮށްދޭނެ ކަމަކެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަމަ ނިދި ނުލިބޭ މީހުން ފަލަވުމުގެ ފުރުސަތު 55 އިންސައްތަ ބޮޑެވެ.