ފަނަރަވަނަ ބައި
”މިފޮތިގަނޑުވެސް ސިމްޕަލް… އެކަމަކު ރީތީ މިފޮތިގަނޑު.. “ މިފްޒާލް ބުނެލިއެވެ. އާސިމްވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
”މިފޮތިގަނޑު ތުނިވީމަ ހަށިގަނޑަށް ފަސޭހަވާނެ.. ތިހާ ބޯ ފޮތި ކަމަކުނުދާނެ.. “ އާސިމް ބުނެލިއެވެ.
”އަންހެންކުދިންނަށް ރަނގަޅުވާނީ ބޯފޮތި.. އެވަރު ކަލެއަށް ނޭނގެނީ ކަންނޭނގެ.. “ މިފްޒާލްވެސް ބުނެލިއެވެ. މެދުގައި ހުރި ރައިޒެލް ފަހަރަކު މީހަކަށް ބަލަމުން ދިޔައިރު އޭނާ ހުރީ ހައިރާންވެ ހަދާނެ ގޮތް ހުސްވެފައެވެ. އެދެމީހުން އޭނާ މެދަށް ލާފައި ހުރިގޮތުން އެތަނުން ދާކަށްވެސް ރައިޒެލްއަކަށް ނުކެރުނެވެ.
”އަހަރެންނަށްވެސް ފެންނަ ގޮތަށްތަ އިޔާއަށް ފެންނަނީ.. “ ދުރުގައި މަންޒަރު ބަލަން ހުރި ޝިގާ ބުނެލިއެވެ. އާސިމްއާއި މިފްޒާލްގެ ވާހަކަތައް އެމީހުންނަށް ރަނގަޅަށް އިވެއެވެ.
”ޔާ.. ވަޓް ދަ ހެލް އިޒް ގޮއިން އޮން… “ އިޔާދުވެސް ބުނެލިއެވެ. މިވަގުތު އާސިމްއާއި މިފްޒާލް ދެކުޑަކުދިންނެކޭ ތަފާތެއް ނެތެވެ. ރައިޒެލް ރަކިވެފައި ހުރި ވަރު އިހުސާސް ކުރެވި ޝިގާ އެދިމާލަށް ހިނގައިގަތެވެ.
”ގާއިޒް.. ވަޓް އާރ ޔޫ ޑުއިންގް.. “ އާސިމް ދުރުކޮށްލާ ރައިޒެލް ކައިރިއަށް ޖެހިލަމުން ޝިގާ ބުންޏެވެ. އާސިމް އާއި މިފްޒާލްގެ ބަހުސް ހުއްޓުނީ ދެނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލީ ރޮލާ ކާލަން ބޭނުންވާ ފަދައަކުންނެވެ.
”ރައިޒެލްއަށް ރަނގަޅު ފޮތިގަނޑެއް ޗޫޒްކުރަން އެހީވެދިނީ.. ދޯ މިފޫ..!! “ މިފްޒާލްގެ ކޮނޑަށް އަތްވައްޓާލަމުން އިޔާދު ބުނެލިއެވެ. ކަންތައްވަމުން ދިޔަ ގޮތުން އޭނާއަށް ހުރީ މަޖާވެފައެވެ.
”މިތާކު ނެތް އަހަރެމެންނަށް ކަމުދާ ފޮއްޗެއް.. ދޯ ރައި.. ލެޓްސް ގޯ އެހެންތަނަކަށް… “ ޝިގާ އެހެން ބުނުމުން ރައިޒެލް އަވަސްއަވަހަށް ބޯޖަހައިލީ އެތަނުން ދާން ބޭނުންވެފައި ހުރިވަރުންނެވެ. އެމީހުން ހިނގައިގަތުމުން އާސިމް މިފްޒާލަށް ބަލައިލީ އިންޒާރުގެ ބެލުމަކުންނެވެ. އެބެލުމުން އޭނާ މިފްޒާލަށް އެތައް އިންޒާރެއް ދިން ފަދައެވެ. މިފްޒާލަށް މުށްކަވައިލެވުނެވެ. އޭނާ ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. އޭނާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭރު އާސިމް ރައިޒެލްމެންގެ ފަހަތުން ހިނގައިގަނެއްޖެއެވެ.
”ކޮބާތަ އޭނަގެ މައްސަލައަކީ.. އެހާވަރުން ހޯދި މޯމެންޓް ފަނިކޮށްލާފަ އެދިޔައީ.. “ މިފްޒާލް ހިތްހަމަނުޖެހިފައި ބުންޏެވެ.
”ރިލޭކްސް މޭން.. އަހަރެންނަށް ހީވަނީ އާސިމްވެސް………. “ އިޔާދު ބުނަން އުޅުނެވެ.
”އިޒްންޓް އިޓް އޮބްވިއަސް.. އަހަރެންނަށް އެނގޭ އޭނަ ރައިޒެލް ދެކެ ލައިކްވާކަން.. އެކަމަކު އަހަރެން އޭނައަށް ކާމިޔާބުވިޔަކަ ނުދޭނަން.. ކިއުޓީ އިޒް މައިން.. އޯންލީ މައިން.. “ މިފްޒާލް ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.
”ހޫމް އެއީ މިފްޒާލްގެ މީހެކޭ.. ދެން ތި ރުޅި މަޑުކޮށްބަލަ.. އެމީހުން ޝޮޕިންގް ނިންމާފައި އަންނާނެ އެއްކަލަ ކެފޭއަށް.. އެތަނުން އަހަރެން ކޮންމެވެސް ގޮތަކުން ތިދެމީހުން ވާހަކަދައްކަން ފުރުސަތެއް ދެވޭތޯ ބަލާނަން.. “ އިޔާދު ބުންޏެވެ.
”ޔަގީން އާސިމްވެސް އަންނާނެ.. އޭނަ ނުދޭނެ އަހަރެމެން އެކަހެރިވިޔައެއް… “ މިފްޒާލް ބުންޏެވެ.
”އާނ ތިވެސް ތެދެއް.. ދެން ކިހިނެއް ހަދާނީ… “ އިޔާދު ބުންޏެވެ.
”ގޮތެއް ހަދާނެ ކަމެއް ނެތް.. ހަދަންވީ ގޮތެއް ހަދާނީ އަހަރެން.. މިރޭ ދެން އާސިމްއަށް ކާމިޔާބުވީކަމަށް ބަލާފައި އަހަރެން ދާނީ ގެއަށް.. އެކަމަކު މީ އެހެންވާނެ އެންމެ ފަހު ފަހަރު.. “ މިފްޒާލް އެތަނުން ހިނގައިގަތީ ހިތްހަމަނުޖެހިގެން ހުރެއެވެ. އިޔާދު ގޮވުމުންވެސް ބަލާ ނުލާ އޭނާ ފިހާރައިން ނިކުތެވެ.
***************
ވިޔަފާރިކޮށްގެން އެމީހުންނަށް ގެއަށް އާދެވުނުއިރު އެގާރަޖަހަން ގާތްވެއްޖެއެވެ. އިޔާދު ގުޅާފައި ކެފޭއަށް ދެވެން ނެތް ވާހަކަ ބުނުމުން ވިޔަފާރިކޮށް ނިންމާލިގޮތަށް އެމީހުން އެއައީ ގެއަށެވެ.
”ރައިޒެލް… “ ޝިގާގެ ފަހަތުން ގޭތެރެއަށް ވަންނަ ދިޔަ ރައިޒެލްއަށް އާސިމް ގޮވާލިއެވެ. އެނބުރި ބަލައިލީ ޝިގާ އާއި ރައިޒެލް އެކުއެކީގައެވެ.
”އަހަރެން ބޭނުން ރައިޒެލްއާ ވާހަކަ ދައްކާލަން.. “ އާސިމް ބުންޏެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކަމަކާ ދެރަވެފައި ހުރި ކަމެވެ. ޝިގާ ރައިޒެލްއަށް ބަލައިލިއެވެ. ރައިޒެލް ބޯޖަހައިލީ އެންމެ ރަނގަޅު ކަމުގައި ބުނުމަށެވެ. އެހިސާބުން ޝިގާ އެދެމީހުންނަށް ވަގުތު ދިނުމަށްފަހު އެތެރެއަށް ވަދެއްޖެއެވެ.
”ކޮންވާހަކައެއް ދައްކަން އާސިމް މަޑުކުރަން ބުނީ.. “ ޝިގާ ދިއުމުން ރައިޒެލް އެހިއެވެ.
”މިތާ ޖޯލީގައި އިށީންނަންވީނު.. “ އާސިމް ބުންޏެވެ.
”މިވަގުތު މިހެން ވާހަކަދައްކަން ތިއްބާ މީހަކަށް ފެނިއްޖިއްޔާ ރަނގަޅު މާނައެއް ނުނަގާނެ.. އަހަރެން އާސިމްއާ ވާހަކަ ދައްކަން މަޑުކުރަން އެއްބަސް މިވީ ހަމައެކަނި އާސިމްއަށް ކުރާ އިހުތިރާމެއްގެ ސަބަބުން.. އެހެންނޫނީ މިކަހަލަ ކަންތައްތަކަކީ އަހަރެން ވަރަށް ހިތްހަމަނުޖެހޭ ކަންކަން.. “ ރައިޒެލް ވަރަށް ސާފުކޮށް ބުނެދިނެވެ.
”ސޮރީ……. “ އާސިމް ފުންނޭވައެއް ދޫކޮށްލަމުން ބުންޏެވެ. “ އަހަރެން އުޅުނީ މިފްޒާލްގެ ވާހަކަ ދައްކަން.. ރައިޒެލްއަށް އޭނާގެ ބަލާގޮތުން އަހަރެންނަށް އެނގޭ އޭނަގެ ނިޔަތް ރަނގަޅެއް ނޫންކަން.. އެހެންވެ އަހަރެން ރައިޒެލް ކައިރީ ބުނަން ބޭނުންވީ މިފްޒާލާ މެދު ސަމާލުވެގެން ހުންނައްޗޭ.. އޭނާއާ ދުރުން އުޅޭށޭ.. އަހަރެންނަށް އޭނާޔާ އޭނާގެ އާއިލާ މީހުންގެ ގޮތް ވަރަށް ރަނގަޅަށް އެނގޭ… ރައިޒެލްއަކީ އަހަރެމެންގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްވީމަ މިހެން ބުނަން މިޖެހުނީ… އައި ހޯޕް ޔޫ އަންޑަސްޓޭންޑް.. ”
”ހޫމް.. އޯކޭ.. “ ރައިޒެލް ބޯޖަހައިލުމަށްފަހު ގޭތެރެއަށް ވަނެވެ. އެހާ ފަސޭހައިން ރައިޒެލް އޭނާގެ ބަސް ޤަބޫލުކުރުމުން އާސިމްއަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ.
ބޮލުގައި އަތް ފުނާ އަޅާލަމުން އާސިމް މިސްރާބުޖެހީ ޖޯއްޔާ ދިމާލަށެވެ. އެތަނުން ޖޯއްގައި އިށީންނަމުން އޭނާ ދަތްދޮޅީގައި އަތްވިދެލިއެވެ. އޭނާގެ ހިތުގައި އަލަށް އުފެދެން ފަށައިފައިވާ އިހުސާސްތަކަށް އިންކާރު ކުރެވޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއިހުސާސްތަކުގެ ބާރު މާ ގަދައެވެ. އޭނާ ކުރަމުން ގެންދިޔަ މަސައްކަތުގެ މައްޗަށް ކުރި ހޯދީ ރައިޒެލްއަށްޓަކައި އެހިތުގައިވާ ގަދަފަދަ އިހުސާސްތަކެވެ. މިފްޒާލް ރައިޒެލްއަށް ބަލާ ގޮތް އެންމެ ފުރަތަމަ ދަތުރު ދިޔަ ދުވަހު އޭނާއަށް އެނގުނެވެ. ރައިޒެލް ގެއްލިދާނެކަމުގެ ބިރު އޭނާއަށް ހީވާން ފެށީ އެދުވަހުއެވެ. އޭގެ ކުރިން އޭނާ ހުރީ ރައިޒެލް ހާސިލްކުރެވޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. މިފްޒާލް ރައިޒެލްއާ ކައިރިވާ ކޮންމެ ފަހަރަކު އޭނާގެ ހިތް ރޯމަހެއްހެން ތެޅެން ފަށައެވެ. މިފްޒާލަކީ ކޮންމެ އަންހެންކުއްޖެއްވެސް ކާމިޔާބު ކުރެވުމުގެ ޤާބިލުކަން ލިބިފައިވާ އިންސާނެއްކަން އާސިމްއަށް ޤަބޫލުކުރެވެއެވެ. ސިފައިގެ ރީތި ކަމުގެ އިތުރުން އޭނާއަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ގަދަރުވެރި އާއިލާއެއްގެ ކުއްޖެކެވެ. ރައިޒެލްގެ ހިތް އޭނާއަށް ލަންބުވާލުމަކީ މިފްޒާލަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. ބިރުގަންނަނީ އެހެންވެއެވެ.
****************
ޖުމާނާ ޖިމުން އައި ގޮތަށް ސޯފާ މައްޗަށް ވެއްޓިގަތެވެ. ސަލްމާއަށް ރަނގަޅަށް ގޮވައިނުލެވެނިސް އޭނާ އައިސް ހުރީ ޖުމާނާ ކުރިމަތީގައެވެ. ޖުމާނާގެ ޕްރޮޓީންޝޭކް ތައްޔާރުކޮށްގެން އެހިފައިގެންނެވެ.
”ޔޫ އަރ ދި ބެސްޓް ސަލްމާ… “ އޭގައި ހިފަމުން ޖުމާނާ ބުނެލިއެވެ. ސަލްމާ ހިނިތުންވެ ހުރެ ޖެހިގެން ހުރި ސޯފާގައި އިށީނެވެ.
”ކޮބާ މިފްޒާލް އުޅޭ ނޫޅޭ ގޮތެއް އެނގޭތަ؟ އަހަރެންނާ ވާހަކަ ނުދެއްކިއްޔަސް އޭނަ ސަލްމާއާ ވާހަކަ ދައްކައެއްނު…“ ޖުމާނާ އެހިއެވެ.
”ސްޕޮންސަރ ކޮށްދޭން އެދުނު ފަހުން އަދި ދިމައެއް ނުވޭ… “ ސަލްމާ ޖަވާބު ދިނެވެ.
”ތިހެން ބުނީމަ މިހަނދާންވީވެސް ތިވާހަކަ ދައްކަން.. ކުއްލިއަކަށް ކީއްވެބާ މިފްޒާލް އެކަހަލަ ކަމަކު އެދުނީ.. ކުރިންވެސް ބިޒްނަސް ކަންތަކާ މާބޮޑަށް ވިސްނާ މީހެއް ނޫނެއްނު އެއީ. ”
”ނޭނގެދޯ.. ހީވަނީ އިޔާދު ބުނެގެންހެން.. އެސޮރު ރައްޓެހިވެގެން އުޅޭ ކުއްޖާ އުޅޭނީ އެސްކޫލްގަ.. އެމަންޖެ ބޭބެ އެއީ ސްކޫލްގެ ޕްރިންސިޕަލަކީ.. “ ސަލްމާ ކިޔައިދިނެވެ.
”ސަލްމާއަށް ހާދަ މައުލޫމާތެއް އެނގެޔޭ ދޯ… “ އެއްފައި މައްޗަށް އަނެއް ފައި އަރުވާ ގޮނޑީގައި ހަމަޖެހިލަމުން ޖުމާނާ ބުންޏެވެ.
”ނޫނޭ.. އެހެނެއްނޫން.. އެއީ ދެން ބައެއް ފަހަރު މިފޫ ދައްކާނެ އެމީހުންގެ ވާހަކަ.. އެހެންވެ އެނގެނީ.. ރިޝީގެ ހާލު ކިހިނެއް..؟ މި އަންގާރައިގަ ގުޅިތަ؟ “ ސަލްމާ އެހިއެވެ.
”ހާނ ގުޅި.. ބުނި ރަނގަޅޭ.. އެކަމަކު އަހަރެންނަކަށް ހިޔެއް ނުވޭ.. ބަލިހެން ހީވީ.. އަހަރެން އެހިން ބަލާ ދަންހޭ.. ބުނީމަ ބުނެފި ނޫނެކޭ.. “ ޖުމާނާ ކިޔައިދިނެވެ.
”ފުރަތަމަ ދުވަސްކޮޅު އުނދަގޫވާނެ.. އެކަމަކު ފަހުން ރަނގަޅުވާނެ.. ރިޝީ ރަނގަޅުވާން ބޭނުންވަންޏާ އަހަރެމެން އޭނައަށް ފުރިހަމައަށް އެއްބާރުލުން ދޭން ޖެހޭނެއްނު.. އަނެއްކޮޅުން ޝެނާލީވެސް ބޭނުންނުވާނެއްނު އެދަރިފުޅު ބަފަޔަކާ ނުލާ ބޮޑުކުރާކަށް.. އޭނައަށްވެސް ރަނގަޅުވާނެއްނު ރިޝްފާޒް ރަނގަޅުވެގެން އައިއްޔާ..“ ސަލްމާ ބުންޏެވެ.
”ކުރިން ދުވަހު ޕާޓީ އޮފީސް ތެރެއިން ދިމާވި ބާސިތުއާ.. އަހަރެން އެތާ ހުރިހާ އިރުވެސް އޭނާގެ މޫނު ކުނިކޮށްގެން ހުރީ.. އެނގޭ ޝެނާލީ ހުރިހާ ވާހަކައެއް ދެއްކީކަން.. އަހަރެން އަޅާވެސް ނުލަން.. ޝެނާލީއަށް އެއަށްވުރެ ރީތިކޮންވެސް ކަންތައްތައް ކުރެވުނިސްދޯ.. ”
”އަޅާނުލާ.. ކޮންމެ މީހަކު ބާސިތުގެ ޖާގައިގަ ހުރިނަމަވެސް އެހެންވާނެ.. އަންހެންދަރިއެއްގެ ބަފަޔަކަށް ވީމަ އެހެންވެސް ވާނެ.. އަހަރެން ހިތަށް އަރާ އަހަރެން ޝަމްރާގެވެސް ބައްޕަ ދުނިޔޭގައި ހުރިނަމައޭ.. އޭރުން އަހަރެންނަށް ޔަގީން ރަސްދަރިކަނބަލެއް ފަދައިން ގެންގުޅުނިސް.. “ ސަލްމާގެ އަޑު ކުރެހޭ ގޮތްވިއެވެ. އެހިނދު ޖުމާނާ ސަލްމާގެ ކޮނޑުގައި އަތް އަޅައިލިއެވެ.
”ސަލްމާ އަހަރެންނަށް އަދިވެސް ކިޔައެއް ނުދެމެއްނު އެމީހާއަށް ވީގޮތެއް.. ނުވީތާކަށް އެމީހާގެ ނަމެއްވެސް ނުބުނޭ.. ހަމައެކަނި އެނގެނީ ޝަމްރާއަކީ ކައިވެންޏަކާ ނުލާ ލިބުނު ކުއްޖެއްކަން.. “ ޖުމާނާގެ އަޑުގައި ހަމްދަރުދީވިއެވެ.
”އެހުރިހާ ކަމެއް އެނގިގެން މިހާރުވާނެ އެއްވެސް ފައިދާއެއް ނެތް..އޭނަ މިހާރު މިދުނިޔެއަކު ނެތް.. އެހެންވީމަ ނުދެއްކުން ރަނގަޅުވާނީ.. ޖުމާ މެޑަމް އަށެއް ޖަހާއިރު އެބައިނެއްނު ބައްދަލުވުމެއް.. މިހާރު އެއޮއް ހަތެއް ޖެހީ.. އަވަށްދޭ ތައްޔާރުވާން.. އަހަރެންވެސް މިދަނީ ތައްޔާރުވެލަން ގެއަށް.. “ މިހެން ބުނެ ދެލޯ ފޮހެލަމުން ސަލްމާ ތެދުވިއެވެ. ސަލްމާ ފަހުން ދެއްކި ވާހަކަތަކާ ޖުމާނާއަށް ވިސްނަން އިނދެވުނީއެވެ. އޭނާއާ ބެހޭގޮތުން ސަލްމާއަށް ހުރިހާ ކަމެއް އެނގޭނެއެވެ. ނަމަވެސް އޭނާއަށް ސަލްމާއާ ބެހޭގޮތުން އެނގެނީ މަދު މިންވަރެކެވެ.
***************
ސްކޫލް އަހަރީ އުފާގެ ދަށުން ކުރިއަށް ގެންދާ ކުޑަކުދިންގެ ހަވީރު ކުރިއަށް ދަނީއެވެ. އެހިސާބުގެ އެކި ދިމާލުގައި ސްޓޯލްތައް ޖަހާފައިވާއިރު އެއިން ކޮންމެ ސްޓޯލްއެއް ކައިރީގައި ޓީޗަރަކު ހުއްޓެވެ. ރައިޒެލްވެސް އެތަނުން ސްޓޯލެއްގައި ހުރިއިރު އޭނާ އުޅުނީ އަވަދިނެތިއެވެ. އައިސްކްރީމާއި ފޮނިކާތަކެތި ހުރުމުން އެސްޓޯލަށް އަންނަ ކުދިން އެހެން ސްޓޯލްތަކަށްވުރެ ގިނައެވެ. ސްޕޮންސަރގެ ބޮޑު ސްޓޯލްގައި ހުރި މިފްޒާލްގެ ނަޒަރު އިރުއިރުކޮޅުން ރައިޒެލްއަށް ހުއްޓެމުން ދިޔައެވެ. ހިނިތުންވެލައިގެން ހުރެ ރައިޒެލް ކުދިންނާ މުއާމަލާތްކުރަމުން ދާ ގޮތް މިފްޒާލަށް އިންތިހާއަށް ކަމުދެއެވެ. މިފްޒާލް ވަށައިގެން ނަޒަރު ހިންގައިލީ އާސިމް ކޮބައިތޯ ބަލާލުމަށެވެ. އާސިމް ކައިރިއަށް ކުދިންތައް ވަށާލާފައިވާގޮތުން އޭނާއަށް އަވަހަކަށް ސަލާމަތްނުވޭވެނެކަން އެނގުނު ހިނދު މިފްޒާލްގެ ތުންފަތަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ. އިޔާދާ ސްޓޯލް ހަވާލުކުރުމަށްފަހު މިފްޒާލް ރައިޒެލްގެ ސްޓޯލާ ދިމާލަށް ހިނގައިގަތެވެ. މިފްޒާލަށް އެހިސާބަށް ދެވުނުއިރު ރައިޒެލްއަށް މަތީގައި ހަރުކޮށްފައިވާ ފުއްޕާހަމެއް ނުނެއްޓިގެން އުޅެނީއެވެ. ރައިޒެލް އިސްކޮޅުން ކުރުވީމައި އެހިސާބަށް އޭނާގެ އަތް ރަނގަޅަށް ނުފޯރަނީއެވެ. މިފްޒާލްގެ ގޮސް ރައިޒެލްގެ ފަހަތަށް ހުއްޓި އެފުއްޕާހަން ނައްޓާލަދިނެވެ. އެހިނދު ރައިޒެލް މިފްޒާލާ ވީކޮޅަށް އެނބުރުނެވެ. އެހާ ކުއްލިގޮތަކަށް އެނބުރުމުން ރައިޒެލް މޫނު ގޮސް ޖެހުނީ މިފްޒާލްގެ މޭގައެވެ. އެހިނދު މަޑުމަޑުން ރައިޒެލް އިސްއުފުލާ ބަލައިލިއެވެ. ނުހަނު ކައިރިން ފެނުނީ މިފްޒާލްގެ މޫނެވެ. މިފްޒާލްވެސް ހުރީ ސީދާ ރައިޒެލްގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހިސާބުން ދެމީހުންނަށް އެކަކު އަނެކަކުގެ ނޭވާ އިހުސާސްވަމުން ދިޔައެވެ. މިފްޒާލްގެ ލޯހުއްޓިފައިވީ ސީދާ ރައިޒެލްގެ ލޮލަށެވެ. ރައިޒެލް މިފްޒާލާ ނަޒަރު ވަކިކޮށްލަން ބޭނުންވިނަމަވެސް ނޭނގޭ ބާރަކުން އޭނާގެ ހަރަކާތްތައް ހުއްޓުވާލާފައިވާކަހަލައެވެ. އޭނާއަށްވެސް މިފްޒާލާ ނަޒަރުވަކިކޮށް ނުލެވުނެވެ. އެހިނދުކޮޅުގައި އޭނާއަށް ކުރެވެމުން ދިޔަ އާދަޔާ ހިލާފު އިހުސާސް ދެނެގަންނާކަށް އޭނާއަށް ނޭނގުނެވެ. ދެމީހުންނަށްވެސް ސިއްސައިގެން ގޮސް ދުރަށް ޖެހިލެވުނީ ކައިރިން މީހަކު ކަރުކެހިލި އަޑުއިވިފައެވެ.
”ކުދިންތައް ކިޔޫގައި މިތިބީ… އަވަސްކޮށްލާ… “ ޝިގާ އެތަނަށް އައީ ކުދިން ގިނަކަމުން ރައިޒެލްއަށް އެހީވެދޭށެވެ. ރައިޒެލް އަވަސް އަވަހަށް މިފްޒާލްގެ އަތުގައި އޮތް ފުއްޕާހަން އަތުލައިގެން ކުދިން ކައިރިއަށް ޖެހިލިއެވެ. މިފްޒާލް ބޯކަހައިލި ހިނދު އޭނާގެ ތުންފަތްމަތީގައިވީ މައުނަވީ ހިނިތުންވުމެކެވެ. ޖީބަށް އަތްޖަހާލުމަށްފަހު މިފްޒާލް އައި ކޮޅަށް ދާން ހިނގައިގަތެވެ. ދަމުން ދަމުން އަދިވެސް އެއްފަހަރު އޭނާ އެނބުރި ބަލައިލިއެވެ. އެވަގުތުވީ ރައިޒެލްވެސް މިފްޒާލާ ދިމާލަށް ބަލައިލި ވަގުތަށެވެ. ހަތަރުކަޅި ބައްދަލުވުމާއެކު ރައިޒެލް އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލައިލިއެވެ.
-ނުނިމޭ-
Varah reethi .thankolheh kury genesdheyleh