ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް މާލެއިން %35 އާއި %40 އާ ދެމެދުގެ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށް އެ ޕާޓީގެ ބާނީ ރައްޔިތުުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އިލްޔާސްގެ ރިޔާސީ ކެމްޕޭނަށް ބޮޑުތިލަދުންމައްޗަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި ކުޅުދުށްފުށްޓަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާޠަބު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެންނަ ތަނުގައި އިލްޔާސް ލަބީބާއި އޭނާގެ ރަނިންގމޭޓް ޙުސައިން އަމްރު މިހާރު ތިއްބެވީ ރިޔާސީ އިންތިޚާބުގެ ”ދެވަނަ ބުރުގައި“ ކަމަށެވެ.
”އަޅުގަނޑު މިއަދު މާލެއިން އައިއިރުގައި މިއައީ މާލޭގައި ދޮރުން ދޮރަށް ހިނގާ މީހުންތަކާއި ބްލޮކްތަކުގެ އެޖެންޓުންނާއި ބައްދަލުކޮށް އެމީހުންގެ އަތުގައި ހުރި ހިސާބެއް ބަލާފައި. މާ ސާފުކޮށް އެބަ ފެނޭ އިލްޔާސް ލަބީބަށް މާލޭ ވޯޓުގެ %35 އާއި %40 އާ ދެމެދުގެ ވޯޓެއް ލިބޭތަން.“ އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
”ރައީސް ޞާލިޙް މާލޭގައި ތިންވަނަ އަށް ގޮސްފިއްޔާ ވެސް ރަނގަޅު.“
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެންނަ ތަނުގައި ޕީޕީއެމްއާއި ޑިމޮކްރެޓުން ތިބޭނީ މާލޭގައި އެކަކާއި ދެއަކުގައި ކަމަށެވެ.
”މާލޭގެ ވޯޓުން ތިންވަނައަށް އަންނާނެ މީހެއް އަޅުގަނޑުމެން މިހާރު މި ދަނީ އަންދާޒާ ކުރަމުން.“
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް މާލެއިން ގިނަ އަދަދެއްގެ ވޯޓު ނެގިދާނެ ކަމަށް ދެކޭކަށް ފަސޭހައެއް ނޫން ކަމަށެވެ.