ގައުމަށް ހަމަޖެހުން ގެނެވުނީ ގޭންގެއްގެ އެހީތެރިކަމާ ނުލައި ވެރިކަމަށް އައުމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް އއ.މާޅޮހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކު ބޭނުންވަނީ ހަމަޖެހުން އޮތް މުޖުތަމައުުއެއްގައި އުޅެން ކަމަށާއި އުފާވެރި ދިރިއުޅުމެއް އުޅެން ކަމަށެވެ. އެ އުފާވެރި ދިރިއުޅުން ހޯދަން ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި އެންމެ ފުރަތަމަ ކަމަކީ ހަމަޖެހޭ މުޖުތަމައުއެއް ގާއިމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިއާ އަޅާ ބަލާއިރު ވޭތުވެދިޔަ ފަސް އަހަރުތެރޭގައިި އެކަމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ ފަސް އަހަރަކީ އެންމެ ކުށް މަދު ފަސް އަހަރުކަމަށް ވެފައިވާާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް ކުރީ ސަރުކާރުގައި މާލޭގެ މަގުމަތީގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި މަހަކު ޒުވާނަކު ކަތިލައި ވަޅި ހަރައި މަރަމުންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭރު ފުލުހުންނަށް އެކަން ކޮންޓްރޯލް ކުރަން ދަތިވުމުން ސިފައިން ނެރެން ވެސް ޖެހުނު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު މާލޭގެ މަގުތަކުގެ ހާލަތަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.
”ހަގީގަތުގައި އެކަން އެހެން ދިމާވަނީ އެކަން ކުރަން ތިބޭ މީހުންނާއި [ގޭންގްތަކާއި] ސިޔާސީ މީހުންނާ އޮންނަ ގުޅުމެއްގެ ސަބަބުން. މީ ޝައްކެއް އޮތް ކަމެއް ނޫން. އެމީހުންނަށް ބާރުލިބޭ ކަންތައްތަކެއް ވެރިކަމުގަ ތިބޭ ބައެއްގެ ފަރާތުން އެ މަދަދު ލިބޭތީ.“
”ސިޔާސީ ކަންތައްތަކާ ކުރިމަތިލާއިރުގައި މިއުޅޭ ގުރޫޕުތައް އެޕްރޯޗްކުރޭ ހުރިހާ އެންމެންނާ ވެސް. އެހެންނަމަވެސް 2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމަށް އައީ އެއިން އެއްވެސް ބައެއްގެ އެހީތެރިކަމަކާ ނުލައިި. އެހެންވެ އަޅުގަނޑުމެންނަށް މިދިޔަ ފަސް އަހަރު އެ ހަމަޖެހުން ރާއްޖެއަށް ގެނެސްދެވުނީ.“
ރައީސް ވިދާޅުވީ އެ ކުދިންނަށް ގޮތެއް ދައްކައި ދިރިއުޅުމެއް ހޯދައިދިނުމަކީ ސަރުކާރަށް ލާޒިމް ކަމެއް ކަމަށެވެ.