ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވައިފިއެވެ.
އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވުމަށްފަހު، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން އައިޖީއެމްއެޗްގައި އިތުރު ޚިދުމަތްތައް ތަޢާރަފްކޮށް ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވައި، މިއަދު ހުޅުވި އޮންކޮލޮޖީ ވޯޑުގެ ޚިދުމަތަކީ، ވަރަށް މުހިންމު ޚިދުމަތެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ޞިއްޙީ ޚިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކްލީފް ކުޑަކުރުމަށް މި ސަރުކާރުން އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށްވެސް ޚާއްޞަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުން ދާކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްޤީ ކުރެވިފައިވާ ކަމަށާއި، ރާއްޖޭގެ އުތުރުން ދެކުނަށް ނަޒަރު ހިންގާލާއިރު، ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކުވެސް އައު ޚިދުމަތްތައް އެ ހޮސްޕިޓަލްތަކުގައި ފެށިގެންދާތަން ފެންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ހުޅުވި އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑަކީ، 8 އެނދުގެ ވޯޑެކެވެ. މިވޯޑުގައި ބަލި މީހުންނަށް ޚާއްޞަ 2 ފާޚާނާ އާއި، ނާސިންގ ސްޓޭޝަނާއި، ވެއިޓިންގ އޭރިއަކާއި ސްޓާފް އޭރިއާއެއްގެ އިތުރުން މެޑިކަލް ސްޓޯރ ރޫމަކާއި، އިދާރީ އޮފީހެއް ހުންނާނެއެވެ.