ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އއ. ރަސްދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފިއެވެ.
ރައީސް ޞާލިހް ރަސްދޫއަށް ގިނަ ވައުދުތަކެއްވެ ވަޑައިގެންފައި ވަނީ އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ރަސްދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އެ މަނިކުފާނުގެ ދެވަނަ ދައުރުގައި ރަސްދޫގައި ބިމުގެ ދަތިކަން ކުރިމަތިވެ، ބޯހިޔާވަހިކަން ދޭނެ ބިން ނެތުމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް އެ ރަށް ކައިރިން ފަޅެއް ހިއްކައިދެއްވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.
އަދި ރަސްދޫގައި އޮފީސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމާއި ރަސްދޫ ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކޮށް މަލްޓި ސްކިލް ކްލާސްރޫމް ބްލޮކެއް އިމާރާތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ ސްކޫލުގައި ކޮމްޕިއުޓާ ލެބާއި ލައިބްރަރީ އަދި ޕްލޭ އޭރިއާއެއް ހަދައިދީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް އިމާރާތްކޮށް ސުވިމިން ޓްރެކެއް ހަދައި ދޭނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރަސްދޫ ފުޓްބޯޅަ ދަނޑުގައި ސިޑިބަރިއަކާއި ޗޭންޖިން ރޫމެއް ހަދައިދީ ރަސްދޫގައި ފްލޯޓިން ސީޕްލޭން ޕްލެޓްފޯމެއް އަޅައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައި ވެއެވެ.