މެލޭޝިއާގެ ގައުމީ އެއާރލައިން މެލޭޝިއަން އެއާލައިންސްގެ ފްލައިޓެއް ފަސެންޖަރެއްގެ ސަބަބުން އިމަޖެންސީގައި ޖައްސައިފިއެވެ.
އޮސްޓޭލިއާގެ ސިޑްނީ އިން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރަށް 194 ފަސިންޖަރުންނާއި 5 ކުރޫއިނާއެކު ދަތުރުކުރަމުން ދިޔަ މެލޭޝިއަން އެއާރލައިންސްގެ އެމްއެޗް 122 ފްލައިޓު ވަނީ ސިޑްނީ އެއާޕޯޓުން ފުރިތާ 2 ގަޑިއިރުތެރޭ އަނބުރާ އެ އެއާރޕޯޓަށް ޖައްސާފައެވެ.
އެ ފްލައިޓު ރައްކާތެރިކަމާއެކު ސިޑްނީ އެއާރޕޯޓަށް ޖައްސައި ހުރިހާ ފަސިންޖަރުން ރައްކާތެރިކަމާއެކު ފްލައިޓުން ވަނީ ބާލާފައެވެ.
އިމަޖެންސީ ރެސްޕޮންސް ޓީމުން އެއަށް ފަހު ފްލައިޓު ބަލައި ފާސްކޮށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ 45 އަހަރުގެ މީހަކު ހައްޔަރުކޮށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.
ސިޑްނީ އެއާރޕޯޓަށް އިމަޖެންސީކޮށް ފްލައިޓު ޖެއްސުމުން އެ އެއާރޕޯޓުގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް އައިސްފައިވާ އިރު 23 ޑޮމެސްޓިކް ފްލައިޓު 90 މިނެޓަށް ޑިލޭވެގެން ދިޔައެވެ.