އަވަށްޓެރި އިންޑިޔާގެ މަހާރަޝްތުރާގެ ހޮސްޕިޓަލެއްގައި 24 ގަޑިއިރުތެރޭ 18 މީހުން މަރުވުމުން ބޮޑު ތަހުގީގެއް ފަށައިފިއެވެ.
ޗަޓްރަޕަޓީ ޝިވާޖީ މަހާރާޖް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުން ދިޔަ 18 މީހުން މަރުވެފައިވާ ސަބަބު ހޯދުމަށް ތަހުގީގު ފަށާފައި ވަނީ އެ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ ހާއްސަ ބެލުމުގެ ދަށުން ހެލްތު މިނިސްޓަރު ތަނާޖީ ސާވަންތު އަދި ކޮމިޝަނަރު އޮފް ޕޮލިސް ގުޅިގެންނެވެ.
18 މިހުން މަރުވި ސަބަބު ހޯދުމަށް މިނިވަން ތަހުގީގެއް ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލަފައިވާ އިރު އެ ކޮމިޓީ އިސްކޮށް ބަލަހައްޓާނީ ހެލްތު މިނިސްޓަރު ތަނާޖީ ސާވަންތުއެވެ.
ހޮސްޕިޓަލުގައި މަރުވި 18 މީހުންގެ ތެރޭގައި ހިމެނެނީ 10 އަންހެނުންނާއި 8 ފިރިހެނުންނެވެ. އެ މީހުންގެ ތެރެއިން 13 މީހަކަށް ދިޔައީ އައިސީޔޫގައި ފަރުވާދެމުންނެވެ.
މަރުވި މީހުންގެ ތެރެއިން 8 މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.