ރަޝިޔާގެ ދެކުނުގައިވާ ދަޖިސްތާނުގައި ހުންނަ ޕެޓްރޯލާއި ޑީސަލް ވިއްކާ ތެޔޮ އިސްޓޭޝަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 30 މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމުވެއްޖެއެވެ.
ދަޖިސްތާނުގެ ވެރިރަށް މަހަޗްކަލާގައި ހިނގި އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 3 ކުޑަކުދިން ވެސް ހިމެނޭ އިރު 150 މީހުން ވަނީ ޒަހަމުވެފައެވެ. ޒަހަމުވި މީހުންގެ ތެރޭގައި 13 ކުޑަކުދިން ވެސް ހިމެނެއެވެ.
އަލިފާން ރޯވެފައި ވަނީ ޕެޓްރޯލް އިސްޓޭޝަނާ އިންވެގެން ހުރި ދުއްވާ އުޅަނދު ފަހަރު މަރާމާތުކުރާ ޖަރާޖެއްގައި ކަމަށާއި ބާރުގަދަ ގޮވުމެއް ގޮވައި އަލިފާންގަނޑު ޕެޓްރޯލް އިސްޓޭޝަނަށް ފެތުރިފައިވާ ކަމަށް ރަޝިޔާގެ ކުއްލި ހާލަތްތަކާ ގުޅޭ ހިދުމަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
އެ އަލިފާންގަނޑު ނިއްވައިލެވިފައި ވަނީ ގާތްގަނޑަކަށް 4 ގަޑިއިރުގެ މަސައްކަތުން ކަމަށާއި އެ ތަނާއި އިންވެގެން ހުރި އެހެން އިމާރާތެއްގައި ވެސް ރޯވެފައިވާ ކަމުގައި އޮފިޝަލުން ވަނީ ބުނެފައެވެ.
މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެންނަމުންދާ ކަމަށާއި އެ ހާދިސާގައި މަރުވެފައިވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެ ޤައުމުގެ ކުއްލި ހާލަތުގެ ހިދުމަތްތަކާއި ބެހޭ ވުޒާރާއިން ބުނެވެ.