އިންޑިޔާގެ މަނީޕޫރު ސްޓޭޓްގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވައި އެ ސްޓޭޓަށް އަމާންކަން ގެނައުމަށް އިންޑިޔާގެ މުޅި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އިއްޔެ އިންޑިޔާގައި ފާހަގަކުރަމުންދާ 77 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބް ކުރައްވައި ދެއްވި ތަގުރީރުގައި މޯދީ ވިދާޅުވީ މުޅި އިންޑިޔާ އޮތީ މަނީޕޫރާއެކު ކަމުގެ ޔަގީންކަން އެ ސްޓޭޓްގެ ރައްޔިތުންނަށް ދެއްވާފައެވެ.
މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ތާރީޚީ ބިނާއެއް ކަމަށްވާ ވެރިރަށް ނިއު ދިއްލީގެ ރެޑް ފޯޓްގައި މޯދީ ވަނީ ގައުމީ ދިދަ ނަންގަވައިދެއްވާފައެވެ.
އެއަށް ފަހު ދެއްވި 90 މިނެޓްގެ ތަގުރީރު ވަނީ ޓީވީތަކުން ވަގުތުން ދުރަށް ދައްކާފައެވެ. އެ ތަގުރީރުގައި މައިގަޑުގޮތެއްގައި އަލިއަޅުއްވާލެއްވި ބައިތަކުގެ ތެރޭގައި އިންޑިޔާއަށް ކުރިމަތިވަމުންދާ ގުދްރަތީ ކާރިސާތަކާއި ގައުމުގެ އިގްތިސާދު އަދި ބޮޑުވަމުންދާ އިންޑިޔާގެ އާބާދީގެ ހިމެނެއެވެ.
ނަސްލީ ތަޅާފޮޅުމާއި ލޭއޮހޮރުވުންތަކުގެ މައްސަލަތައް ބޮޑުވެފައިވާ މަނީޕޫރާ ބެހޭގޮތުން ބޮޑުވަޒީރު ވިދާޅުވީ އެތަނަށް ހަމަޖެހުން ގެނެވޭނީ ސުލްހަވެރިކަން އިސްކޮށްގެން ކަމަށެވެ.
އިންޑިޔާގެ އިގްތިސާދާ ބެހޭގޮތުން މޯދީ ވިދާޅުވީ މިއަދު އިންޑިޔާގެ އިގްތިސާދަކީ ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށާއި ކުރިޔަށް އޮތް ފަސްއަހަރުގެ ތެރޭގައި އެންމެ ކުރިއަރާފައިވާ 3 އިގްތިސާދުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
2047 ވަނަ އަހަރު އިންޑިޔާގެ މިނިވަންކަމަށް 100 އަހަރު ފުރޭ އިރު އިންޑިޔާ ހިމެނޭނީ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
އެހެންވެ އެތައް މިލިއަން ރައްޔިތުން ތާހިރުވެލާނެ ފާޚާނާއެއްނެތް. ސާފު ބޯފެން ނެތް. ވަންނާނޭ ގެދޮރެއް ނެތް.
ދޮގުވެރިންނާއި ގުޅޭނީ ހަމަ ދޮގުވެރިން