ކްލިއަރ ކުރުން ލަސްވާ މުދާ ބާލާ ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީއެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ގާއިމުކޮށްފިއެވެ.
އެ ސްޓޯރޭޖު ފެސިލިޓީއަށް ބަދަލުކުރާނީ ކޮންޓެއިނަރ ތަކުގެ ތެރެއިން 10 ދުވަހަށްވުރެ އިތުރު މުއްދަތަކަށް ކޮންޓެއިނަރ ގައި ހުންނަ މުދާ ކަމަށް އެމްޕީއެލުން ބުނެއެވެ.
އެ ފެސިލިޓީއާ ގުޅޭގޮތުން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިސްޓޯރޭޖް ފެސިލިޓީ ހެދީ ކުދި ވިޔަފާރިތަކަށް މުދާ ގެންނަ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށެވެ.
ޝާހިދު ވިދާޅުވީ ކުދި ވިޔަފާރިކުރާ ފަރާތްތަކުން ގިނަ ވިޔަފާރިތައް އެކުވެ އެއް ކޮންޓެއިނަރުގައި މުދާ އެތެރެކުރާ ކަމަށާއި ނަމަވެސް އެއިން ވަކި މުދަލެއް ކްލިއަރ ކުރަން ލަސްވިނަމަވެސް މުޅި ކޮންޓެއިނަރަށް ބޮޑު ފީ އެއް އިތުރަށް ދައްކަންޖެހޭ ކަމަށެވެ.
އަލަށް އިތުރުކުރި ސްޓޯރޭޖް ކެޕޭސިޓީއާއެކު ކޮންޓެއިނަރުން އަވަހަށް މުދާ ހުސްކޮށް ކޮންޓެއިނަރަށް ދަންކަންޖެހޭ ފީން ސަލާމާތްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިގޮތަށް ކޮންޓެއިނަރުތައް ހުސްނުވެ ލަސްވުމަކީ ޝިޕިންލައިންތަކަށް ވެސް އޭގެ ދަތިކަން ދިމާވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެ ޚިދުމަތަކާއި ގުޅޭގޮތުން އެމްޕީއެލްގެ ޖެނެރަލް މެނޭޖަރ ޠަލްޙަތު ސަޢީދު ވިދާޅުވީ މިހާރު ހުރި ކެޕޭސިޓީގައި 550 ކިއުބިކް މީޓަރު(ސީބީއެމް)ގެ މުދާ ބެހެއްޓޭނެ ކަމަށާއި އެއީ 16 ކޮންޓެއިނަރުގެ މުދާ ކަމަށެވެ.
ތަލްހަތު ވިދާޅުވީ މުދާ ޕޯޓުން ނެރުމުގެ މަސައްކަތްތައް ކޮންމެ ދުވަހަކު ވެސް ކުރިއަށްގެންދާތީ ޖާގައިގެ މައްސަލަ މާބޮޑަށް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އެމްޕީއެލުން އެ ސްޓޯރޭޖު ފެސިލިޓީ ގާއިމުކުރީ މި މަހުގެ 5 ވަނަ ދުވަހުއެވެ.