އެމްޑީޕީގެ ހަރުގެތަކަށް ގެއްލުންނުދީ ހުރިހާ ފަރާތްތަކުން ވެސް ރީތި ކެމްޕޭނެއް ކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޓީމުގެ ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް ޞާލިޙްގެ މައި ކެމްޕޭން އޮފީސް ހުންނަ ސޯލްޓް ކެފޭ އިމާރާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ ކެމްޕޭން ކުރުމަކީ ޑިމޮކްރެޓްސްގެ މުހިންމު ޕްރޮސެސްއެއް ކަމަށާއި މިނިވަންކަމާއެކު ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނާންވާނެ ކަމަށެވެ.
ނަމަވެސް ހޯނޑެއްދޫގައި ހުންނަ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހައިފައިވާ ކަމަށާއި މަޑަވެލީގައި ރައީސް ޖަލްސާ ބާއްވަން ތައްޔާރުކުރި ތަން ވެސް ރޯކޮށްލައިފި ކަމަށާއި ރައީސް ވަޑައިގަންނަވާާ ގަޑީގައި ކޯޑަން ބްރޭކް ކުރަން އުޅެފި ކަމަށާއި މިފަދަ ކަންކަން ހިންގައިގެންނުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެމްޑީޕީ އިދިކޮޅުގައި އޮތް އިރުވެސް މިފަދަ ކަންކަން ހިންގާފައިނުވާ ކަމަށެވެ. އަދި މިއަދު ވެސް އެފަދަ ކަމެއް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާރިޔާ ވަނީ ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގަންނަވާއިރު ހުރަސްއަޅުއްވާނަމަ ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ހޯދަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.