އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އެ އަޑުއެހުމުގައި 3 ހެއްކެއްގެ ހެކިބަސް ނެގުމަށް ތާވަލު ކުރެވިފައި އޮތް ނަމަވެސް އޭގެ ތެރެއިން 2 ހެއްކަކާއި ގުޅޭގޮތުން ދިފާއުން ވަނީ ބައެއް ކަންކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން ބައެއް ލިއެކިއުންތައް ދިފާއަށް ލިބިފައިވޭތޯ ކަށަވަރު ކުރުމަށް އެ ހެކިންގެ ހެކިބަސް ނެގުން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.
އެ މައްސަލައިގެ ދައުވާ ފޯމަށް ގެނެސްފައިވާ އިސްލާޙުތަކާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެއްލެވުމަށް ފަހު ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ ނިންމަވާފައެވެ.
އެ މައްސަލައިގައި އަދި ވެސް ދައުލަތުގެ އިތުރު ހެކިންތަކެއްގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތެވެ.
ދައުލަތުން ވަނީ އޭގެ ތެރެއިން ބައެއް ހެކިންގެ ހެކިބަސް މިހާރު ނަގަން ބޭނުންނުވާ ކަމަށް ބުނެފައެވެ.
އެ ފަރާތްތަކަކީ ކޮބައިކަން ލިއުމުން ކޯޓަށް އަންގާނެ ކަމަށް ވެސް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.