ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ދެ ޓާޝަރީ ހޮސްޕިޓަލް އަޅާނެކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖޭޕީން މިކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ މެނިފެސްޓޯގައި ހިމެނޭ ”އޯގާތެރި ޒަމާނީ ސިއްހީ ފަރުވާ“ ސިޔާސަތުގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތަށް އިންގިލާބީ ބަދަލެއް ގެންނަން ގެންގުޅޭ ތަސައްވަރުގެ މައުލޫމާތު ހިއްސާކުރަން ރޭ ބޭއްވި ފޯރަމެއްގައެވެ.
އެގޮތުން ޖޭޕީގެ މެނިފެސްޓޯ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހިންނަ ޚާލިދު ވިދާޅުވީ އާސަންދަ އަށް ގެންނަ ބަދަލުގެ އިތުރުން މުޅި ސިއްހީ ނިޒާމު ބައްޓަން ކުރާނީ ސިއްހީ ފަރުވާ ހޯދަން ބޭރަށް ދާންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ކުރެވޭ ގޮތަށެވެ.
ޖޭޕީގެ ވެރިކަމެއްގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ޒަމާނީ ފެންވަރުގެ ދެ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން ޓާޝަރީ ހޮސްޕިޓަލަކާ އެކު ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ގިނަ ކަންކަން ކުރާނެ ކަމަށާއި ކަންކަން ކުރާނީ ހަމައެކަނި ނަމަކަށް ނޫން ކަމަށާއި ވިސްނުމަކީ މައުލޫމާތު އެއްކުރެވިގެން ޓާޝަރީ ލެވެލްގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ހިންނަ ވިދާޅުވި އެވެ.
ޖޭޕީން ބުނީ އެ ޕާޓީގެ ވެރިކަމެއްގައި މުޅި ސިއްހީ ނިޒާމު އެއްވިއުގައެއްގެ ތެރެއިން ގުޅުވާލުމަށް ގައުމީ ޑައިގްނޮސްޓިކް ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ.
އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެފަދަ ނިޒާމެއް ގާއިމުކުރުމުން ސިއްހީ ޚިދުމަށް ދިނުމަށް މިހާރު ދައުލަތުން ކުރާ ހޭދަ ވެސް އެތައް ގުނައެއް ކުޑަކުރެވޭނެ ކަމަށް ޖޭޕީން ބުނެފައި ވެއެވެ.
މީގެ އިތުރުން ޖޭޕީން ބުނީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލުގެ ޚިދުމަތްދޭނެ ކަމަށާއި ހުރިހާ އުމުރުފުރައަކަށް ފެތޭ ޤައުމީ މެންޓަލް ހެލްތު ޕްރޮގްރާމެއް ފަށައި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އަހަރަކު އެއް ފަހަރު ހެލްތު ސްކްރީނިން ކޮށްދީ އުމުރުން 40 އަހަރުން މަތީގެ އަންހެނުންނަށް އަހަރަކު އެއް ފަހަރު ސާވިކަލް އަދި އުރަމަތީގެ ސްކްރީނިން ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
ހަމައެހެންމެ ޕެރެމެޑިކްސް އަދި އެމްބިއުލަންސްގެ ޤައުމީ ވިއުގައެއް ޤާއިމުކޮށްދީ ކްރޫޒިން ހޮސްޕިޓަލެއް ޤާއިމުކޮށް ތެލަސީމިއާ ކުދިންނަށް ލޭ އެޅުން ފަސޭހަކޮށް ޚާއްސަ އިނާޔަތެއް ދޭނެ ކަމަށް ޖޭޕީން ބުނެފައި ވެއެވެ.