އިންސާފުވެރި މިނިވަން އިންތިޚާބެއް ބޭއްވުމަށްޓަކައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކުރުމަށް އެހީތެރިވުމަށް
ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫ ވަފްދުގެ އަރިހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބު ހިނގާ ގޮތް ބެލުމަށްޓަަކައި އީޔޫއިން ފޮނުވާ ކޯ-ޓީމުގެ ޗީފް އޮބްޒާވަރުގެ ގޮތުގައި ހަމަޖައްސަވާފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު މރ. ނާޗޯ ސަންޗެޒް އަމޯރ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ މިއަދު މެންދުރުގެ ކުރީގެ ވަގުތެއް ގައި މަޖިލީހުގެ އިދާރާގައެވެ.
މި ބައްދަލުވުމުގައި ނަޝީދު ވަނީ އިންސާފުވެރި މިނިވަން އިންތިޚާބެއް ބޭއްވުމަށްޓަކައި ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އެހީތެރިވުމަށް އެދިވަޑައިގެންފައެވެ.
ވ.އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި ރިޝްވަތާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވުމުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ހުކުމްކުރީ މިދިޔަ ޑިސެމްބަރު 25 ގައެވެ. ޔާމީންގެ ފަރާތްޕުޅުން ޖަލު ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ޔާމީން ޖަލުގައި ހުންނަވާތާ 1000 ދުވަސްވެފައިވާއިރު, ނަޝީދު ވަނީ ޑިމޮކްރެޓްސްއާއެކު މަސައްކަތް ކުރަން އިދިކޮޅުން އެއްބަސްވެ ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރާތާ ހަފުތާއެއްގެތެރޭގައި މާލޭގެ މަގުމަތީގައި އަބަދު މުޒާހަރާކޮށްގެން ނަމަވެސް ޔާމީން ގެއަށް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.