ސައިބަރ ކްރައިމްގައި ހިންގާ ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުން ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ލޯބީގެ ނުވަތަ ރޮމޭންސް ސްކޭމްތަކުގެ މައްސަލަތައް މިހާރަކަށް އައިސް ފުލުހުންނަށް ހުށަހެޅެމުންދާ ކަމަށެވެ. މިފަދަ ސްކޭމްތަކަކީ މީހުންގެ އިހުސާސްތަކާއި ނާޒުކު ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން މަކަރާއި ހީލަތުން ކަންކަން އޮޅުވާލައިގެން މާލީ މަންފާއެއް ހޯދުމަށްޓަކައި ހިންގާ ކުށުގެ ބާވަތެއް ކަމަށް ފުލުހުން ބުންޏެވެ.
”މި މަކަރާއި ހީލަތް އާންމުގޮތެއްގައި ފެށެނީ އޮންލައިންކޮށް އެކަކު އަނެކަކާ ބައްދަލުވެ ވާހަކަދެކެވޭ ގޮތަށް ފަރުމާކޮށްފައިވާ އެކި މަންސަތައް ބޭނުންކޮށްގެން. އެގޮތުން ޑޭޓިންގ ޕްލެޓްފޯމްތަކާއި މީސް މީޑިއާގެ އެކި މަންސަތަކާއި އެހެނިހެން ވެބްސައިޓްތައް މެދުވެރިކޮށް. ދުރު ގައުމުތަކުން ގިނަފަހަރަށް ހަރަކާތްތެރިވާ މި ކުށްކުރާ މީހުން ފޭކް ޕްރޮފައިލުތައް ހަދައި ދޮގު އައިޑެންޓިޓީތަކެއް އުފައްދައި އަދި އެކަމުގެ ޝިކާރައަކަށްވާ މީހުންނަށް އެއީ ހަގީގީ އަދި ހިތްގައިމު ބައެއްގެ ގޮތުގައި ދައްކައި އެބައި މީހުން ގަބޫލުކުރާ ހިސާބަށް ގެންދޭ.“
ފުލުހުން ބުނީ ވަގަށް ނަގާފައިވާ ފޮޓޯތަކާއި ފިކްޝަނަލް ނަންތަކާއި އޮޅުވާލާފައިވާ އަމިއްލަ ތަފްސީލުތައް ބޭނުން ކޮށްގެން ސްކޭމްކުރާ މީހުން މަޖުބޫރު އަދި ހިތްގައިމު ޕްރޮފައިލްތައް އުފައްދާ ކަމަށާއި ގިނަފަހަރަށް އެ މީހުންނަކީ ހިތްގައިމު ކާމިޔާބު ބައެއްގެ ގޮތުގައި ސިފަކުރަނީ އެމީހުންގެ އަމާޒަށް މަގުފަހިކުރުމަށް ކަމަށެވެ. އަދި ސްކޭމްކުރާ މީހާ ޕޮޓެންޝަލް ވިކްޓިމަކާ ގުޅުވައިލުމަށްފަހު އެގުޅުން ބަދަހިކުރުމަށްޓަކައި ވަގުތާއި މަސައްކަތް އިންވެސްޓްކުރާ ކަމަށާއި ވިކްޓިމްގެ އިތުބާރާއި އޯގާތެރިކަން ހޯދުމަށް އެމީހުން ބޭނުންކުރަނީ އަނިޔާލިބުނު މީހާގެ ސިކުނޑިއާ ޖަޒުބާތީގޮތުން ކުޅެލުމާއި އޮޅުވާލުމާއި ލޯބީގެ ބަސްތައް ކަމަށް ވެސް ފުލުހުން ބުންޏެވެ.
”ސްކޭމްކުރާ މީހުންނަކީ އެމީހުންގެ ޝިކާރައަކަށްވާ މީހުންގެ ނަފުސާނީ ނާޒުކުކަން ދެނެގަނެ އޭގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ ބައެއް. މިސާލަކަށް ލޯބިވާ މީހަކު ދާދި ފަހުން ގެއްލިފައިވާ ނުވަތަ އެކަނިވެރިވެ އެކުވެރިކަން ހޯދަންއުޅޭ މީހުންނަށް އަމާޒުކޮށް މިފަދަކަންކަން ކުރަމުންގެންދޭ.“
ގުޅުން ކުރިއަށްދާ ވަރަކަށް ހިޔާނާތްތެރިން މަސައްކަތްކުރާނީ އެމީހުންގެ ޝިކާރައަކަށްވާ މީހުން އެމީހުންގެ ރައްޓެހިންނާއި އާއިލާއާ އެކަހެރި ކުރުމަށް ކަމަށާއި ގިނަ ފަހަރަށް އަނިޔާ ލިބޭ މީހުންނަށް ހަމައެކަނި އެމީހުންނާ މުއާމަލާތުކުރުމަށް ބާރުއެޅުމުގެ ސަބަބުން އަނިޔާލިބޭ މީހާއަށް އެހެން މީހުންގެ ލަފަޔާއި އެހީތެރިކަން ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ގުޅުމުގެ ތެރޭގައި ބައެއް ފަހަރު ޚިޔާނާތްތެރިވާ މީހުން މެޑިކަލް އިމަޖެންސީ, މާލީ ކާރިސާ ނުވަތަ ގާނޫނީ މައްސަލަތައް ފަދަ ފޭކް އިމަޖެންސީ ހާލަތްތައް އުފައްދާ ކަމަށާއި އެމީހުން މި ފެބްރިކޭޓެޑް އިމަޖެންސީތައް ބޭނުން ކޮށްގެން އެމީހުންގެ ޝިކާރައަށްވާ މީހުންގެ އަތުން ފައިސާ ހޯދުމަށް އެދޭ ކަމަށެވެ. އަދި އިތުބާރު ގާއިމުވުމުން ޚިޔާނާތްތެރިވާ ފަރާތްތައް މާލީ އެހީތެރިކަމަށް އެދެނީ އެމީހުންގެ ފޭކް އިމަޖެންސީތައް ހައްލުކުރުމުގެ ނަމުގައި ނުވަތަ ވިކްޓިމްއާ އަމިއްލައަށް ބައްދަލުކުރަން ރޭވުމުގެ ނަމުގައި ކަމަށާއި އަދި ދަތުރުފަތުރުގެ ޚަރަދާއި ހީވެސްނުކުރާ ފަދަ މެޑިކަލް ބިލުތަކަށް ފައިސާ ބޭނުންވާކަމަށް ބުނެފާނެ ކަމަށެވެ.
”ބައެއް ހާލަތްތަކުގައި ޚިޔާނާތްތެރިން އެމީހުންގެ ޝިކާރައަކަށްވާ މީހުން ބޭނުންކޮށްގެން ގާނޫނާ ހިލާފަށްކުރާ ކަންކަމުން ހޯދާ ފައިސާ ލޯންޑަރ ކޮށްފާނެ. އެމީހުން ވިކްޓިމަށް ވިސްނައިދެނީ އެމީހުންގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ބަލައިގަތުމަށްފަހު، ޖިނާއީ ހަރަކާތްތަކުގައި ނޭނގި ބައިވެރިކޮށް އެހެން އެކައުންޓަކަށް ފައިސާ ޓްރާންސްފަރ ކުރުމަށް.“
”އަނިޔާލިބުނު މީހާގެ އަތުން ފައިސާ ނެގުމަށް ފަހު، ޚިޔާނާތްތެރިވާ މީހާ އެ ހިސާބުން ގެއްލެއެވެ. އަދި ވާހަކަދެއްކުން ހުއްޓައިލާ ގުޅުން ކަނޑާލާ.“
ފުލުހުންވަނީ މާއަވަހަށް ގުޅުމަކަށް އަވަސްވެގަނެ ނުވަތަ ރަނގަޅަށް މީހާ ނޭނގެނީސް ގަބޫލު ނުކުރެވޭ ފަދަ އިހުސާސްތައް ފާޅުކުރާ ފަރާތްތަކާމެދު ސަމާލުވުމަށާއި އޮންލައިންކޮށް ބައްދަލުވި މީހަކަށް ފައިސާ ނުވަތަ މާލީ މައުލޫމާތު ނުފޮނުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެމީހެއްގެ ޕްރޮފައިލް ފޮޓޯތަކުގައި ރިވާސް އިމޭޖް ސާޗުކޮށްގެން އެމީހާގެ އައިޑެންޓިޓީ ކަށަވަރުކުރުމަށާއި ރަހުމަތްތެރިންނާއި އާއިލާއާ ގުޅުން ބަދަހިކޮށް އޮންލައިންކޮށް ކުރެވޭ މުއާމަލާތުތައް ތަފުސީލުތައް ހިއްސާކޮށް އެމީހެއްގެ ނަޒަރު ހޯދުމަށާއި ޝައްކުކުރެވޭ އެކައުންޓުތަކާއި ހަރަކާތްތައް ޕްލެޓްފޯމް އެޑްމިނިސްޓްރޭޓަރުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
”ހަނދާނުގައި ބަހައްޓަންވީކަމަކީ ލޯބީގެ ގުޅުންތައް ބިނާވާން ޖެހޭނީ މާލީ މުއާމަލާތުތަކާއި މަކަރާއި ހީލަތްހެދުމުގެ ޓެކްޓިކްސްގެ މައްޗަށް ނޫންކަމާއި އިތުބާރާއި އެކަކު އަނެކަކުގެ މައްޗަށް އިހުތިރާމުކުރުމުގެ މައްޗަށް ކަން“ ފުލުހުން ބުންޏެވެ.