އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލާމީހުން ރަޖިސްޓަރީ ވެފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށްފައިވާކަން ހާމަކުރައްވައި އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވަނީ ޝަކުވާއެއް އޮތްނަމަ ބުދަ ދުވަހުގެ 15:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.
ވޯޓުލާ މީހުންގެ ރަޖިސްޓަރީ އީސީގެ ވެބްސައިޓުގެ ( elections.gov.mv ) އިިތުރުން VR space ID number ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ވެސް ޗެކްކުރެވޭނެ ކަމަށާއި 1414 އަށް ގުޅައިގެން ވެސް މައުލޫމާތު އޮޅުންފިލުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަކުވާ ހުށަހަޅަންޖެހޭނީ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ކަމަށާއި އެ ފޯމު އީސީގެ ވެބްސައިޓުން ނުވަތަ ކައުންސިލްތަކުގެ އިދާރާތަކުން ލިބޭނެ ކަމަށް ވެސް ޙަބީބް ވަނީ ވިދާޅުވެފައެވެ.