މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ހަވަނަ ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރައިލި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) ގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ސާހިލް ޢަލީއަށް ދައުލަތުން ހަމަޖައްސައިދިން ވަކީލު މައްސަލައިން ތަނާޒުލުވެއްޖެއެވެ.
ހ.ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ތޫނު އެއްޗަކުން ހަމަލާދީ ޝިއާ މަރާލައިފައި އޮއްވާ ފެނުނު މައްސަލައިގައި ފ.ނިލަންދޫ/ފިނިފެންމާގެ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ ޑިސެމްބަރު 28 ގައެވެ.
އުފުލާފައިވާ ދައުވާތައް:
ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ.
އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ.
ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ.
އިތުރަށް ކުރި ދެ ދައުވާގެ ތަފްސީލު ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މި މަހުގެ 10 ގައެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ މި މައްސަލާގައި މި މަހުގެ 9 ވަނަ ދުވަހު ދައުލަތުން ސާހިލްއަށް ހަމަޖައްސައިދިން ވަކީލު މައްސަލައިން ތަނާޒުލުވެފައިވާ ކަމަށެވެ.
ސާހިލްއަށް އިތުރު ވަކީލަކު ހަމަޖައްސައިދޭން އަދި ފަސްވަރަކަށް ދުވަސްވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލާދީ ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޏ.ފުވައްމުލަކު/ކުރި, އުމުރުން 22 އަހަރުގެ ޝިއާ މަރާލައިފައި އޮއްވާ ފެނުނީ ސާހިލް ދިރިއުޅެމުންދިޔަ އެޕާޓްމަންޓުންނެވެ. ޝިއާ މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތައް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.