ސާދަވަނަ ބައި
”ޝެނާލީ ރިޝީގެ ބަސް ޤަބޫލުކުރީތީ އަހަރެން ހައިރާނެއްނުވޭ.. މީހުންގެ ސިކުނޑިއާ ކުޅެލަން ރިޝީ ވަރަށް މޮޅުވާނެ.. ހަނދާންކުރާތި ރިޝީ ކުރި ކުށުގެ ޝަޒާ އޭނާއަށް ލިބޭނެ.. އަންހެނަކަށްވެ ހުރެ އަންހެނަކާ މެދު އެގޮތަށް ކަންތައްވިކަން އެނގިހުރެ ޝެނާލީ ތިކުށްވެރި ކުރީ އެއަންހެންކުއްޖާ.. ރިޝީ އެކަން ކޮށްފިކަން އެނގިހުރެ ރިޝީ ކުށްވެރިއެއްނުވި… އަހަރެން ދެކޭ ގޮތުގައި ތީ އަންހެނުންނަށް ހުރި ލަދެއް.. “ މިހެން ބުނެ މިފްޒާލް އެތާ މަޑުކުރާކަށް ނުހެދިއެވެ. ވައިސޫރިއެއްހެން އޭނާ އެތަނުން ނިކުމެއްޖެއެވެ.
***********
”އަހަރެން ރައިޒެލް ހޯދަން އޭނަ އުޅުނު ގެއަށްވެސް ދިޔައިން.. އެގޭގަ އުޅޭ ދައްތަ ވަރަށް ރުޅިއައިސްފައި ތިނަން ކިޔާ މީހަކު ނޫޅެޔޭ ކިޔާފައި މޫނުމައްޗަށް ދޮރުލެއްޕީ… ރައިޒެލް ހޯދަން އަހަރެން ޝިގާ ކައިރީވެސް އޭރު އެހިން.. އަހަރެންނަށް އެނގުނު ޝިގާއަށްވެސް ރައިޒެލްވީ ތަނެއް ނޭނގޭކަން..“ މިފްޒާލް ބުންޏެވެ. ވާހަކަތައް އަޑުއަހަން އިން އިޔާދު އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. ރައިޒެލްއަށް ބަލާފައި އެއީ އެހާ އުފާވެރި ކުއްޖެއް ނޫންކަން އިޔާދުއަށް އެނގެއެވެ. އެހެންނަމަވެސް އޭނާގެ ހަޔާތުގައި ދިމާވެފައިވަނީ އެހާ ބޮޑު ކަންތައްގަނޑެއްކަން ހީވެސްނުކުރެވެއެވެ.
”އެހެންވީއިރު ޝިގާ ބުނާނެ ދޯ އޭރު މިފޫ ރައިޒެލް ހޯދި ވާހަކަ.. “ ވިސްނަން އިނދެފައި އިޔާދު ބުންޏެވެ.
”ހިޔެއްނުވޭ ޝިގާ ހަނދާން ހުރިހެނެއް.. އެހިސާބުން އަހަރެންވެސް ކޮލެޖުން ކެނޑިގެން އައީ ރަށައް.. ކުރިން އުޅެވުނު ގޮތްގޮތާ މެދު ދެރަވެ އަހަރެން އެހުރިހާ ކަމަކަށް ތައުބާވިން.. ރައިޒެލްއަށް އެކަން އެގޮތަށް ދިމާވީ އަހަރެންގެ ސަބަބުން ކަމުން އެކަމަށްވެސް އަހަރެން ތައުބާނުވާ އެންމެ ދުވަހެއްވެސް ނުދާނެ.. “ މިފްޒާލް ބުންޏެވެ.
”އަދި ކިރިޔާ މިއެނގުނީ މިފޫ ރިޝީ ދެކެ އެހާ ރުޅި އަންނަ ސަބަބު.. އޭރު އަހަރެން ބުނަމުން އައީ ކޮންމެ ސަބަބެއްވިޔަސް ރިޝީއަށް މާފުކޮށް ސުލްހަވާން. އެކަމަކު މިހާރު އެހެން ބުނާކަށް ނެތިން.. ރިޝީއަށް އަދަބު ހައްޤު… “ އިޔާދު ބުންޏެވެ.
”މިހާރުވެސް ރިޝީއަށް އަދަބުދޭން ރައިޒެލް ބޭނުމިއްޔާ އަހަރެން މިހުރީ އޭނާއަށް އެހީވާން ތައްޔާރަށް.. “ މިފްޒާލް ބުންޏެވެ.
*****************
ގިނަ ބައްދަލުވުންތަކަކަށްފަހު ސްކޫލުން ނިންމީ އަހަރީ ދުވަސް އަންނަ ހަފްތާ އެއްކޮށް ފާހަގަކުރަން އެކި އެކި ހަރަކާތްތަކާއި އިވެންޓުތައް ބޭއްވުމަށެވެ. އޭގެ ތެރޭގައި ކޭމްޕް ދިޔުމާއި ކުޑަކުދިންގެ ހަވީރާއި ސްޕޯޓްސް ޑޭ ފަދަ ކަންތައްތައް ހިމެނުނެވެ. އެކަންކަން ސްޕޮންސަރ ކުރަން އިއުލާން ކުރުމުން އެކަމަށް ކުރިމަތިލީ އެންމެ ފަރާތެކެވެ. އެއީ ޖުމާނާއެވެ. އާސިމް ޖުމާނާއަށް ދޭން ބޭނުންނުވީ އޭނާގެ ފަރާތުން އެކަމާ ހަވާލުވާނީ މިފްޒާލްކަން އެނގޭތީއެވެ. އެއީ މިފްޒާލް ގަސްދުގައި ކުރިކަމަކާ މެދުވެސް އާސިމް އަށް ޝައްކެވެ. އެހެންއެއްވެސް ފަރާތަކުން ސްޕޮންސަރ ދޭން އެއްބަސް ނުވާނީ އެމީހުންގެ ނުފޫޒުން ކަމުގައި އާސިމް ދެކުނެވެ. ސްކޫލްގެ މެނޭޖްމެންޓުން އެންމެ ފަހުން ނިންމީ ޖުމާނާގެ ސްޕޮންސަރޝިޕްއާއެކު ކުރިއަށް ދިއުމަށެވެ.
**********
ރައިޒެލް މަޣްރިބި ނަމާދު ކޮށްލައިގެން ކޮޓަރިން ނިކުތްއިރު ސޯފާގައި ވާހަކަ ދައްކަން ޝިގާއާއި ޝިރުފާ ތިއްބެވެ. ހުޅުވާފައި ހުރި ޓީވީއިން އޭރު ދައްކަމުން ދިޔައީ ޤުރުއާނެވެ. ރައިޒެލް ފެނުމާއެކު އެމީހުން ވާހަކަ ހުއްޓާލުމުން ރައިޒެލް ހައިރާންވިއެވެ. ދައްކަމުން ދިޔައީ އޭނާގެ ވާހަކައެއް ބާއޭ ހިތަށް އެރިއެވެ.
”ކީއްވެ އަހަރެން ފެނުނީމަ ކުއްލިއަކަށް ތިހުއްޓާލީ.. އަހަރެންގެ ވާހަކައެއްތަ ތިދައްކަނީ…؟ “ ޝިގާ އިން ގޮނޑީގެ އަނެއްފަރާތުގައި އިށީންނަމުން ރައިޒެލް އެހިއެވެ. އެހިނދު ޝިގާއާއި ޝިރުފާ އެކަކު އަނެކަކަށް ބަލާލާފައި ހޭން ފެށިއެވެ.
”ހޫމް.. މިހާރު އަހަރެންނަށް ޔަގީންވެއްޖެ އަހަރެންގެ ވާހަކައެއްކަން ތިދެއްކީ… “ ރައިޒެލް ސަމާސާ ރާގެއްގައި ބުންޏެވެ.
”ސާބަސް.. ރައިގެ ވާހަކައެއް ނޫނޭ މިދެއްކީ.. އަހަރެން ތިއްތިބެދައްތަ ކައިރީގައި މިދެއްކީ ސްކޫލްގަ އޮންނަ ހަރަކާތްތަކުގެ ވާހަކަ.. އެކަންތައްތައް ސްޕޮންސަރ ކުރި މީހުންގެ ވާޙަކަ… “ ޝިގާ ބުނެލިއެވެ.
”އޯވްހް.. ކޮންބައެއްތަ ސްޕޮންސަރ ކުރީ..؟ “ ރައިޒެލް އެހިއެވެ.
”ކާކުހެން ހީވަނީ.. އަހަރެންނަށް ހީވަނީ އިއްތިފާގެއް ނޫންހެން.. “ ޝިގާ ލާނެތް ގޮތަކަށް ބުންޏެވެ.
”ކީކޭ ތިކިޔަނީ…؟ ކާކުތަ؟؟ “ ރައިޒެލް ދެބުމަ ގޮށް ޖަހައިލިއެވެ.
”މިފްޒާލެއްނު… “ ޝިގާ ބުނެލިއެވެ.
”ދެން އެއީ އެވަރުކަމެއްތަ؟ މިފްޒާލަކީ ބޮޑު މުއްސަންޖެއް.. އެމީހުންނަށް އެކަން ކުރެވެންޏާ އެއީ މައްސަލައެއް ނޫނެއްނު… “ ރައިޒެލް ބުންޏެވެ.
”ހޫމް ހޫމް.. އަހަރެންނަށް ހީވަނީ އެއްފަރާތުން ނޫންހެން ލަވަކިޔަނީ.. ދެފަރާތުން ހަމަހަމައަށް ލަވަކިޔާހެން ހީވަނީ…. “ ޝިރުފާ އެހެން ބުނުމުން ޝިގާވެސް އެކަމަކަށް އެއްބަސް ވެއްޖެއެވެ. ރައިޒެލް ޕިސް ޕިސް ތަޅާލަމުން ދެފަރާތަކަށް ބޯހޫރައިލިއެވެ.
”ތިމީހުން ތި ހީކުރާކަހަލަ އެއްވެސް ކަމެއް އަހަރެން ހިތަކު ނެތް.. ތިކަހަލަ ކަމެއް ކުރަން އަހަރެން ނުވެސް ވިސްނަން.. ވިސްނިޔަސް އަހަރެންގެ ޗޮއިސް އަކީ މިފްޒާލެއް ނޫން.. “ ރައިޒެލް ބުނެލިއެވެ.
”އެހެންތަ؟؟ ދެން ކާކުބާ؟؟ “ ޝިގާއާއި ޝިރުފާ އެކަކު އަނެކަކަށް ބަލައިލަމުން ލޮލުގެ ޒަރީއާއިން ވާހަކައެއް ދައްކައިލި ކަހަލައެވެ. ރައިޒެލް އެތަނަށް އައިއިރު އެމީހުން ހަޤީޤަތުގައި ދައްކަން ތިބީ މިފްޒާލާއި އާސިމްގެ ވާހަކައެވެ. އެދެމީހުން އުޅޭ ގޮތުން ދެމީހުންވެސް ރައިޒެލްއަށް ގަޔާވަނީކަން އެމީހުންނަށް އެނގޭތީއެވެ.
”ތެދަށް ބުނަންޏާ އެއީ ކާކުކަން ބުނާކަށް އަހަރެންނަކަށްވެސް ނޭނގެ.. ދެން ތިވާހަކަ ނުދައްކަމާ.. ޤުރުއާން ކިޔަވަނީނު އެއޮއް.. ޤުރުއާން ކިޔަވާއިރު ނިކަން ފަރުވާތެރިވެގެން އަޑުއަހަންވާނެ.. “ ރައިޒެލް ބޭނުންވީ އެވާހަކައިގާ ފުލްސްޓޮޕް ޖަހާށެވެ. އެވާހަކަތައް ދެއްކުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ.
”ހުމް ހެޔޮކޮށް ތިބުނީ.. ދެކުދިން ތިބެލާ އަޑުއަހަން.. މިދަނީ ހުނާނަށް ކާން ތައްޔާރުކުރަން.. “ މިހެން ބުނެ ޝިރުފާ އެތަނުން ތެދުވެގެން ހިނގައިގަނެއްޖެއެވެ. ޝިގާ ވަރަށް ފަރުވާތެރިކަމާއެކު ރައިޒެލްއަށް ބަލަހައްޓައިގެން އިނެވެ. ކަންތައްތަކެއް ހަނދާންކުރާ ކަހަލަ ގޮތަކަށެވެ. ޤުރުއާން ކިޔަވާ ނިމުމުން ދެން ފެށީ ހަތެއްގެ އިނގެރޭސި ހަބަރެވެ. ރައިޒެލް ތެދުވެގެން ދާން އުޅުމުން ޝިގާ ގޮވާލާފައި މަޑުކޮށްލަން ބުންޏެވެ.
”ރައިގެ ޗޮއިސް އަކީ އެއްކަލަ ކްރޭޒީ ބޯއި ދޯ.. “ ޝިގާ އަހައިލިއެވެ. ރައިޒެލް ވަކި އެއްޗެއް ނުބުންޏެވެ. އެހިމޭންކަމުން ޝިގާއަށް ހުރިހާ ޖަވާބެއް ލިބުނު ކަހަލައެވެ.
”އޭރުވެސް އަހަރެންނަށް ޝައްކުވިޔޭ ރައި ކަމެއް ސިއްރުކުރާކަމަށް.. “ ޝިގާ ބުންޏެވެ.
”ސިއްރުކުރީ އެއީ ކާކުކަން އަހަރެންނަށް ނޭނގޭތީ.. “ ރައިޒެލް އެކަންތައް ފެށުނު ހިސާބުން ނިމެންދެން ޝިގާއަށް ކިޔައިދިނެވެ. ކިޔައިނުދެނީ ބައްދަލުވާން ބުނި ރޭ ކަންތައްވެދިޔަ ގޮތެވެ. އެވާޙަކަތައް ދެއްކުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. ކްރޭޒި ބޯއި މަތިން ހަނދާންކުރަން ބޭނުންނުވަނީވެސް އެހެންވެއެވެ. އެހަނދާންވުމާއެކު އެރޭގެ ހަނދާންތައް އާވާތީއެވެ.
”ރައި ކުއްލިއަކަށް ނުބުނެ ދިޔައީ އޭނަގެ ސަބަބުންތަ އަނެއްކާ؟؟ “ ވިސްނަން އިނުމަށްފަހު ޝިގާ އެހިއެވެ. ރައިޒެލް ދެފަރާތަކަށް ބޯހޫރައިލިއެވެ.
”އެވާޙަކަތައް ދައްކަން އަދި އަހަރެން ތައްޔާރެއް ނޫން ޝިގް.. އަހަރެން ކޮންމެވެސް ދުވަހަކުން ޝިގްއަށް އެވާހަކަތައް ކިޔައިދޭނަން… “ ރައިޒެލް ޝިގާގެ އަތުގައި ހިފާލަމުން ބުންޏެވެ. އެންމެ ރަނގަޅޭ ބުނުމަށްފަހު ޝިގާ ހިނިތުންވެލިއެވެ.
***********
ރޭގަނޑުގެ ކެއުމަށް އެންމެން މޭޒު ކައިރިއަށް ހާޒިރުވެ ތިއްބެވެ. މައިގަނޑު ގޮތެއްގައި ދެކެވެމުން ދިޔައީ ސްކޫލްގެ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ވާހަކައެވެ.
”ޓީޗަރސް ޑިނަރ ނައިޓްއަށް ހެދުމެއްވެސް ފަހަން އެބަޖެހޭ.. ދޮންބެ ދާނަން ދޯ އަހަރެމެން ގޮވައިގެން މިރޭ ޝޮޕިންގްއަށް.. “ ޝިގާ ބުނެލިއެވެ. އާސިމް ބޯޖަހައިލިއެވެ.
”ކޮންކުލައަކުންތަ ޕާޓީ އޮތީ.. ގޭމިހުންނަކަށް ދައުވަތު ނުލިބޭތަ؟ “ ޝިރުފާ ބުންޏެވެ.
”އަންހެނުނަށް ލައިމް ގްރީން ފިރިހެނުން ވައިޓް… ހުރިހާ ބުރައެއް އޮތީ ތިއްތިބެދައްތައަށް އިނގޭ!! “ ޝިގާ ބުންޏެވެ.
”ހޫމް މަށައް އެނގޭ ހެދުންތައް ފަހަން އަހަރެންނާކަން ހަވާލުކުރަން ތިއުޅެނީ.. އެކަމަކު މިފަހަރު ފަހާދޭނީ އަގަށް އިނގޭ!! ޕާޓީއިން ހަބަނޑަށް ކާން ލިބެންޏާ ފަހާ ދެވޭނީ.. “ ސަމާސާ ރާގަކަށް ޝިރުފާ ބުންޏެވެ.
”ސާބަސް ފަހާ ނުދިނަސް ކާންލިބޭނެ.. ފެމިލީވެސް ގެންދެވެޔޭ ދޯ.. ދޮންބެ.. “ ޝިގާ ބުންޏެވެ.
”އާނ!! ރައިޒެލްވެސް ފެމިލީއަށް އިންވައިޓް ކުރަންވީނު.. އަހަރެން ލޯންޗު ހަމަޖައްސަދޭނަން.. “ ރައިޒެލްއަށް ބަލައިލަމުން އާސިމް ބުންޏެވެ. އެހިނދު ޝިރުފާ ކަރުކެހިލުމާއެކު ޝިގާ ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. ހިނިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ޝިގާ އަނގަޔަށް ރޮށިކޮޅެއްލިއެވެ. އާސިމްއަށް އެމަންޒަރު ފެނުމުން ޝިގާއާ ދިމާލަށް ކަޅިއަޅާލައިފިއެވެ. ހަމްދޫންއާއި މާޝިތާއަށްވެސް ތިބީ ހެވިފައެވެ. އެއެންމެންނަށް އާސިމްގެ ހިތުގެ ހާލު އެނގޭ ކަހަލައެވެ. ރޮލާ އިނީ ހަމައެކަނި ރައިޒެލްއެވެ. އޭނާ އެކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
”ނޫން.. އެމީހުންނަށް އެހާ ފަސޭހައެއްނުވާނެ އަންނަން.. ކޮއްކޮ އެހާ ބަލިވެ އުޅޭއިރު ގެންނާކަށް އަހަރެން ބޭނުމެއްނޫން.. “ ރައިޒެލް ބުންޏެވެ.
”ތިވެސް ސްކޫލުން ދޭ އެލަވެންސެއްތަ؟؟ “ ޝިގާ ސަމާސާ ރާގެއްގައި ބުންޏެވެ.
”ސާބަސް ޝިގާ.. އެލަވެންސެއް ނޫނަސް ރައިޒެލްއަކީ މިހާރު މިއާއިލާ ކުއްޖެއް.. އާއިލާ ކުއްޖަކަށް އެވަރުކަމެއް ކޮށްދެވިދާނެއްނު ދޯ ދަރިފުޅާ… “ މާޝިތާ އާސިމްއާ އެއްކޮޅަކަށް ޖެހިލިއެވެ. އާސިމް ވަކި ބަހެއް ނުބުނެއެވެ. ހަމައެކަނި ބޯޖަހައިލީއެވެ.
************
ނުވަގަޑި ބައިވާން ވާއިރަށް ރައިޒެލްއާއި ޝިގާ ތިބީ ތައްޔާރުވެގެން ނިކުމެ ދޮރޯށި ކައިރީގައެވެ. އެމީހުން އެތިބެނީ އާސިމް ގަރާޖުން ކާރު ނެރެގެން އަންނަން ދެކަށެވެ. އާސިމް ދޮރުކައިރިއަށް ކާރު މަޑުކޮށްލުމުން އެމީހުން އަރާ ފަހަތު ސީޓުގައި އިށީނދެއްޖެއެވެ.
”އަހަރެންމީ ޑްރައިވަރުތަ؟ އެކަކު ކުރިއަށް އަރަންވީނު.. އެހެންނޫނީ މީހުން ހީކުރާނީ ވެރިން ގޮވައިގެން ޑްރައިވަރު ދަތުރެއް ކުރަނީ ކަމަށް.. “ އާސިމް ބުންޏެވެ. ޝިގާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް ރައިޒެލް ވާހަކަ ދައްކަން ފެށުމުން އޭނާ ރައިޒެލްއަށް ބަލައިލިއެވެ.
”ކިހިނެއްވީ… ޑްރައިވަރުން ކުރާ މަސައްކަތަކީ ވަރަށް ދަށް ފެންވަރުގެ މަސައްކަތެއްތަ؟ “ ރައިޒެލް އެހިއެވެ.
”ނޫން.. އެހެންނެއް ނުބުނަމެއްނު… “ އާސިމް މަޑުމަޑުން ބުނެލިއެވެ. އެއަށްފަހު އޭނާ ކާރު ކުރިއަށް ދުއްވާލައިފިއެވެ. ޝިގާ ކައިރިއަށް ހިނިގަނޑު ބަނޑަށް ހިންދާލެވުނީ ކިރިޔާއެވެ. އާސިމް އަކީ މީހަކު އެއްޗެއް ބުނުމުން އެހާ އަވަހަށް ސައިޒުވާ މީހެއް ނޫނެވެ. ހެވުނީ ރައިޒެލް އެހެން ބުނުމުން އާސިމް ސައިޒުވި ގޮތުންނެވެ.
އެމީހުން ދިޔައީ އިޔާދުގެ ބައްޕަގެ ފޮތި ފިހާރައަށެވެ. ރައިޒެލްއާއި ޝިގާ ވަނުމުން އާސިމް ނުވަދެ ބޭރުގައި މަޑުކޮށްގެން ހުއްޓެވެ. ފޮތިތައް ބަލަމުން އެމީހުން ދިޔައިރު އެމީހުން ކައިރީގައި އިޔާދުވެސް ހުއްޓެވެ. ޝިގާ ބުނަމުން ދިޔައީ ރަނގަޅު ޑިސްކައުންޓެއް ދޭންވާނެ ކަމުގައެވެ. އެހެންބުނުމާއެކު ހިލޭވެސް ދީފާނަމޭ އިޔާދު ބުނެލިއެވެ. ޝިގާއާއި އިޔާދު އެމީހުންގެ އަމިއްލަ ވާހަކައެއް ދައްކަން ފެށުމުން އެދެމީހުންނަށް ވަގުތު ދިނުމުގެ ގޮތުން ރައިޒެލް އެހެން ދިމާލަށް ހިނގައިގަތެވެ. ޝިގާއަށް ނޭނގުނުނަމަވެސް އިޔާދުގެ ލޮލުން ޝިގާއަށް ބަލަމުން ދާ ގޮތުން އޭނާގެ ހިތުގައިވަނީ ކީކޭކަން ދެނެގެނަންނަން ރައިޒެލްއަށް އުނދަގުލެއް ނޫނެވެ.
ރައިޒެލްއަށް ކަމުދާ ކަހަލަ ފޮތިގަނޑެއް ފެނުމުން އެފަތުރާ އެކި ގޮތްތަށް ބަލަމުން ދިޔައެވެ. ބޮޑަށް ފޮތިގަނޑު ފަތުރާލައިގެން ހުރިއިރު ރައިޒެލްއަށް ފޮތިގަނޑުގެ އަނެއްފަރާތަށް ނުފެނެއެވެ. ބަލާނެ ވަރަކަށް ބެލުމަށްފަހު ރައިޒެލް ފޮތިގަނޑު ތިރިކޮށްލިއެވެ. އެހިނދު ލިބުނީ ސިހުމެކެވެ. ކުރިމަތީގައި އެހުރީ މިފްޒާލެވެ.
”ހެލޯ ރައިޒެލް.. ސްކޫލްގެ އަހަރީ ދުވަހަށް ރެޑީ ވަނީ ދޯ.. “ މިފްޒާލް އެހިއެވެ. ރައިޒެލް ވަކި އެއްޗެއް ނުބުނެ ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. މިފްޒާލްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައި ހުރިގޮތުން ރައިޒެލް ހުރީ ފިނިވެފައެވެ. ލަދެއް އިހުސާސް ކުރެވެމުން ދިޔަ ނަމަވެސް އެކަން ނުދައްކާވޭތޯ ރައިޒެލް މަސައްކަތްކުރިއެވެ. ނަމަވެސް މިފްޒާލަށް އެކަން ސިއްރެއްނުވެއެވެ. އޭނާ ކައިރިއަށް އައީ ލާނެތް ހިންޏެކެވެ.
”ދެންމެ ތިބެލި ފޮތިގަނޑު ވަރަށް ރީތި.. ރައިޒެލްއާ ވަރަށް ގުޅޭނެ.. “ ރައިޒެލް ބެލި ފޮތިގަނޑު އަތަށް ނަގަމުން މިފްޒާލް ބުންޏެވެ. އެހިނދު ރައިޒެލް އެފޮތިގަނޑަށް ބަލައިލިއެވެ.
”ރައިޒެލް… “ ފަހަތުން އިވުނު އާސިމްގެ އަޑަށް ބަލައިލީ ރައިޒެލްއާއި މިފްޒާލް އެކީގައެވެ. އާސިމް އެމީހުން ކައިރިއަށް ޖެހެމުން ނެގީ އެތަނުގައި ހުރި ހަމައެކުލައިގެ އެހެން ފޮތި ގަނޑެކެވެ.
”ރައިޒެލްއާ މިފޮތި މާ ގުޅޭނެ.. ކިހާ ސިމްޕަލް މިފޮތިގަނޑު.. “ އާސިމް ބުނެލިއެވެ. މިފްޒާލަށް ދަތްކުޑިވިކައިލެވުނެވެ. އާސިމްދެކެ ރުޅިއާދެވުނެވެ.
”މިފޮތިގަނޑުވެސް ސިމްޕަލް… އެކަމަކު ރީތީ މިފޮތިގަނޑު.. “ މިފްޒާލް ބުނެލިއެވެ. އާސިމްވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
”މިފޮތިގަނޑު ތުނިވީމަ ހަށިގަނޑަށް ފަސޭހަވާނެ.. ތިހާ ބޯ ފޮތި ކަމަކުނުދާނެ.. “ އާސިމް ބުނެލިއެވެ.
”އަންހެންކުދިންނަށް ރަނގަޅުވާނީ ބޯފޮތި.. އެވަރު ކަލެއަށް ނޭނގެނީ ކަންނޭނގެ.. “ މިފްޒާލްވެސް ބުނެލިއެވެ. މެދުގައި ހުރި ރައިޒެލް ފަހަރަކު މީހަކަށް ބަލަމުން ދިޔައިރު އޭނާ ހުރީ ހައިރާންވެ ހަދާނެ ގޮތް ހުސްވެފައެވެ. އެދެމީހުން އޭނާ މެދަށް ލާފައި ހުރިގޮތުން އެތަނުން ދާކަށްވެސް ރައިޒެލްއަކަށް ނުކެރުނެވެ.
-ނުނިމޭ-
Mi vaahaka varah reethi. Konme dhuvahaku genesdhey nama