ސައޫދީ އަރަބިއާއިން އިޒްރޭލުގެ ޖެރޫސަލަމްގައި ފަލަސްތީނުގެ ކޮންސިއުލޭޓެއް ހުޅުވުމުގެ ހުއްދަ ނުދޭނެ ކަަމަށް އިޒްރޭލުން ބުނެފިއެވެ.
އިޒްރޭލޫން މިހެން ބުނީ ސައޫދީން މުޅިން އަލަށް ފަލަސްތީނަށް ނޮން ރެޒިޑެންޝަލް އެމްބެސެޑަރަކު ކަނޑައެޅުމާ ގުޅިގެންނެވެ.
ސައޫދީން ފަލަސްތީނަށް އެމްބެސެޑަރެއް ކަނޑައެޅީ އިޒްރޭލާ ސައޫދީގެ ގުޅުން އާންމު ހާލަތަކަށް ގެނެވޭތޯ ޑީލެއް ހެދުމަށް އެމެރިކާއިން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
ސައޫދީގެ އާ އެމްބެސެޑަރު ނާޔިފް އަލް ސުދައިރީ ފަލަސްތީނަށް ތައާރަފްކޮށް ދިނުމަށް ޖޯޑަންގައި ބޭއްވި ހަފުލާގައި އިޒްރޭލުގެ ފޮރިން މިނިސްޓްރީ ބައިވެރިކޮށްފައެއް ނުވެއެވެ.
ފަލަސްތީނުގެ އެމްބެސެޑަރުގެ މަގާމަށް ކަނޑައެޅި ސައުދީ ޕްރިންސްގެ ދެބެންގެ ދެދަރި ނާޔިފް ޖެރޫސަލަމްގެ ނޮން ރެޒިޑެންޝަލް ކޮންސިއުލާ ޖެނެރަލަކަށް ވެސް ހަމަޖައްސާ ގޮތަށް ވަނީ ނިންމާފައެވެ.
ސިޔާސީ ފަރާތްތަކުން ދެކޭ ގޮތުގައި ނަޔިފްގެ ލަގަބެއްގެ ގޮތުގައި ޖެރޫސަލަމް ލުމުގެ މާނައަކީ ފަލަސްތީނުގެ ވެރިރަށަކީ ޖެރޫސަލަމް ކަމަށް ސައޫދީން ގަބޫލުކުރާކަން ހާމަކޮށް ދިނުމެވެ.
އިޒްރޭލްގެ ފޮރިން މިނިސްޓަރު އެލީ ކޯހެން އެ ގައުމު ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފަލަސްތީނަށް ސައޫދީން ކަނޑައަޅާ ކޮންސިއުލޭޓެއް ޖެރޫސަލަމްގައި ހުޅުވުމުގެ ހުއްދަ އިޒުރޭލުގެ ސަރުކާރުން ނުދޭނެ ކަމަށެވެ.