ޕާކިސްތާނުގައި ޢުމްރަނީ ތަރައްޤީގެ މަޝްރޫއުތަކެއް ހިންގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލަދީފިއެވެ.
ހަތިޔާރު އެޅި ޖަމާއަތަކުން ޗައިނާ ކުންފުންޏެއްގެ އޮފިޝަލުން ދަތުރު ކުރަމުންދިޔަ ބަހަކަށް ހަމަލަދީފައި ވަނީ ޕާކިސްތާނުގެ ހުޅަނގުދެކުނުގައިވާ ބަނދަރުމަތީ ރަށެއް ކަމުގައިވާ ގަވާދަރުގައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއާއި އެ ޤައުމުގައި ހުންނަ ޗައިނާގެ ކޮންސިޔުލޭޓުން ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ.
ޗައިނާ ކުންފުނީގެ އޮފިޝަލުން ދަތުރު ކުރަމުންދިޔަ ބަހަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިޔައީ ހިމާޔަތް ދެމުންނެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ ހަތިޔާރު އެޅި ގުރޫޕަކުން ބަހަށް ހަމަލަދީފައި ވަނީ ބަޑިއާއި ބޮން ފަދަ ހަތިޔާރު ބޭނުންކޮށްގެން ކަމުގައެވެ.
އެ ހާދިސާގައި ޗައިނާ ކުންފުނީގެ އެއްވެސް އޮފިޝަލަކަށް ވެސް އަދި ސިފައިންގެ މީހަކަށް ވެސް އަނިޔާވެފައި ނުވާ ކަމުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެވެ.
ޗައިނާގެ ”ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވް“ގެ ދަށުން އެ ޤައުމުން ދަނީ ޕާކިސްތާނުގައި ގިނަ އަދަދެއްގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކެއް ހިންގަމުންނެވެ. މީގެ ތެރެއިން ގިނަ މަޝްރޫއުތައް ހިންގަމުން ދަނީ ބަލޫޗިސްތާން ޕުރޮވިންސުގައެވެ.
އެ ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ގަވާދަރުގައި ހިންގަމުންދާ މަޝްރޫއުތަކުގެ ތެރޭގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުން ވެސް ހިމެނެއެވެ.