ޙަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި އެތައް ބަޔަކު މަރުވި ހާދިސާގައި ސައުދީ އަރަބިއްޔާގެ ބިން ލާދިންގެ ގްރޫޕްގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް އެ ޤައުމުގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
2015 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 11 ވަނަ ދުވަހު ކުއްލި ގޮތަކަށް މޫސުން ގޯސްވެ އައި ބާރުގަދަ ކޮޅި ގަނޑެއްގައި ޙަރަމްފުޅުގެ ތެރެއަށް ވެއްޓިފައި ވަނީ އެތަން ބޮޑުކުރުމުގެ މަސައްކަތުގައި ބޭނުންކުރަމުން ދިޔަ ކެރޭނެކެވެ.
މިސްކިތުގެ ބޭރުގެ ގޯތި ތެރޭގައި އޮތް މި ކްރޭން ވެއްޓި އޭގެ ބައެއް ބައިތައް ބިންދައިގެން ގޮސް ޙައްޖުވެރިން ތަވާފްކުރަން ތިބޭ ސަރަހައްދަށެވެ.
އެ ހާދިސާގައި 110 މީހުން މަރުވެ 209 މީހުން ޒަހަމްވެ ފަރުވާ ދޭން ޖެހުނެވެ.
އެ ހާދިސާއާއި ގުޅިގެން މައްކާގެ އިސްތިއުނާފު ޖިނާއީ ކޯޓުން މި އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އިއްވިި ހުކުމްގައި ވަނީ ސައުދީގައި ކޮންސްޓަރްކްޝަން މަސައްކަތް ހިންގާ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިން ލާދިން ގްރޫޕް 20 މިލިއަން ރިޔާލުން ޖޫރިމަނާ ކުރުމަށެވެ.
އެކުންފުނީގެ 8 މީހަކު 3 އަހަރަށް ޖަލަށްލާ އެއިން ކޮންމެ މީހަކު 30 ހާސް ރިޔާލުން ޖޫރިމަނާކުރަން ވެސް ކޯޓުން ވަނީ ނިންމާފައެވެ.
އެ މީހުންގެ ތެރޭގައި ހިމެނީ ބިން ލާދިން ގްރޫޕްގެ 8 ޑިރެކްޓަރުންނާއި އެ ކުންފޫނީގެ އެކި ޑިޕާޓްމަންޓްތައް ހިންގަން ތިބި އިސްވެރިން ވެސް ހިމެނެއެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ބެލި ސައުދީގެ ކްރިމިނަލް ކޯޓުން ނިންމީ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އެ ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މީ އިންސާނުން ބާރު ނުފޯރާ ހަދިސާއެއްގައި ހިންގި ކަމެއް ކަމަށެވެ. އެ ހުކުމާއެކު މައްކާގެ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އަލުން މުރާޖާ ކުރުމަށް އިސްތިއުނާފު ކޯޓަށް އަންގާފައެވެ. އެ ކޯޓުން ވެސް ފުރަތަމަ ނިންމީ ދަށު ކޯޓްގެ ހުކުމަށް ތާއީދުކޮށްފައެވެ. އެ ނިންމުގައި ބުނެފައި ވަނީ ދަށު ކޯޓްގެ ނިންމުން ބަދަލުކުރަން ޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އެ ނިންމުން ވެސް ސައުދީގެ ސުޕްރީމްކޯޓުން ބަލެއް ނުގަނެއެވެ.
ސައުދީގެ ސުޕްރީމް ކޯޓުން ވަނީ އަލުން އެ މައްސަލަ މުރާޖާ ކުރުމަށް އަންގާފައެވެ. އެ އަމުރުގައި ވަނީ އަލުން މައްސަލަ މުރާޖާ ކުރަން ވާނީ ކުރިން ތިބި އެއްވެސް ފަނޑިޔާރަކު ހިމަނާއިގެން ނުވާ އައު ފަނޑިޔާރުންގެ ބެންޗަކުން ކަމަށެވެ.
ބިން ލާދިން ގްރޫޕްގެ މައްޗަށް ކުށް ސާބިތުވީ އަލުން އެލުލަވާލި ފަނޑިޔާރުންގެ ބެންޗުން މައްސަލަ ބެލުމަށް ފަހު އިއްވި ހުކުމުންނެވެ.