އެމެރިކާ އާއި ގުޅިގެން އިންޓަސެޕްޓަރ މިސައިލް އުފައްދަން މި ހަފުތާގެ ތެރޭގައި އެއްބަސްވާނެ ކަމަށް ޖަޕާނުން ހާމަކޮށްފިއެވެ.
މި އެއްބަސްވުމަށް ދެގައުމުން ވެސް އަންނާނީ އަންނަ ހުކުރު ދުވަހު، ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ބައްދަލުވުމުގެ ތެރެއިން ކަަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އެގޮތުން އެމެރިކާގައި ކުރިއަށްދާ މި ބައްދަލުވުމުގައި މިހާރު އުފައްދާފައިވާ ބެލިސްޓިކް މިސައިލް ޑިފެންސް ސިސްޓަމްތައް ފޫއަޅުވާލެވޭނެ ފަދަ އިންޓަރސެޕްޓަރސް އުފެއްދުމާ ގުޅޭގޮތުން ހުކުރު ދުވަހު ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން މަޝްވަރާ ކުރައްވާނެއެވެ.
މިކަމާއި ގުޅޭ އިތުރު ތަފުސީލް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޖަޕާންގެ ބޮޑުވަޒީރާއި އެމެރިކާގެ ރައީސް ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ ދެކުނު ކޮރިއާގެ ރައީސް ޔޫން ސުކް ޔޮލް އާއިއެކު މެރީލޭންޑްގެ ކޭމްޕް ޑޭވިޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރައިލެޓެރަލް ސަމިޓްގެ ހަވާސާގައެވެ.