ހއ.ދިއްދޫ ބިން ހިއްކައި އެއާޕޯޓެއް އަޅާނެ ކަމުގެ ޔަގީންކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ދެއްވައިފިއެވެ.
ދިއްދޫގައި ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ ދިއްދޫގެ ތަރައްގީއަކީ އެ ރަށުގެ ރައްޔިތުންގެ ހައްގެއް ކަމަށާއި އެހެން ރަށްރަށުުގެ ތަރައްގީއަކީ އެ ރަށެއްގެ ރައްޔިތުންގެ ހައްގެއް ކަމަށެވެ.
“އަޅުގަނޑު ގަބޫލުކުރާ ހަމައަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ހަމަހަމަކަން އޮންނަން ވާނޭ.“
މުޢިއްޒު ވިދާޅުވީ ދިއްދޫގެ ރައްޔިތުންނަށް ވެސް ބޭނުންވެފައިވާ ކަންކަން ހާސިލުކޮށްދިނުމުގައި މަސައްކަތް ކުރާނީ އަދުލުވެރިކަމާއެކުގައި ކަމަށާއި ދިއްދޫގެ ތަރައްގީއަށްޓަކައި ރައްޔިތުން ކުރަމުންދާ އުންމީދުތަކުގައި ކުލަ ޖައްސައިދެއްވާނެ ކަމަށެވެ.
”ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފަ މި އޮތީ އެއާޕޯޓެއް ހަދަން. ބިން ހިއްކަން ޖެހެނީ ބިން ނެތީމަ. ބިން ހިއްކުމަކީ ރައީސް ޔާމީންގެ ވެެރިކަމުގަ އަޅުގަނޑުމެން ވަރަށް ގިނައިން ކޮށްފަ އޮތް ކަމެއް. ވަރަށް ގިނަ ރަށްތަކުގެ ބިން ހިއްކީމު.“
”މި ރަށުގެ ބިން ހިއްކައި މި ރަށުގައި އެއާޕޯޓެއް އެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދާދި ފަސޭހަކަމެއް. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭފުޅުންނަށް ހާސިލުކޮށްދޭނަން. އެކަމުގެ ޔަގީންކަން އަޅުގަނޑު މިދެނީ އިޚުލާސްތެރިކަމާއެކުގަ.“ މުޢިއްޒު ވިދާޅުވިއެވެ.
އެކަމަކީ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭނެ އެންމެ މުހިންމު ކަންތައް ކަމަށާއި އެެއިން އުފެދޭނެ ވަރަށް ގިނަ ވަޒީފާ ހުންނާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި ވަޒީފާގެ ފުރުސަތު ހޯދައިދިނުމަކީ ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި އެންމެ އިސްކަންދޭނެ ދެވަނަ ކަންތައް ކަމަށާއި އެންމެ އިސްކަންދޭ ކަމަކީ ގެދޮރުވެރިކަން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.