ހއ. އުތީމުގައި ޒަމާނީ ރަށްވެހިގެއެއް ބިނާކޮށް އޭޓީއެމް ބަހައްޓައިދޭނެ ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި މިއަދު ހއ. އުތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި އެކު ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި އެ ރަށުގެ ބަނދަރު ބޮޑުކޮށް، ބަންޑާރައިންގެ މިސްކިތް، މަރާމާތުކޮށް ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
އަދި އުތީމުގެ ރަށް ގިރުމުގެ މައްސަލައާއި ގެދޮރުގެ މައްސަލަ ހައްލުކޮށްދީ އުތީމު ގަނޑުވަރު ސަރަހައްދު ތަރައްޤީކޮށް ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްޤީ ކުރުމުގެ ހުރިހާ ކަމަކަށް ސަމާލުކަން ދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ އުތީމުގެ ބޮޑެތި މަގުތައް ތަރައްޤީކޮށްދީ ރަށުގައި އޭޓީއެމް ބަހައްޓައިދޭނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އުތީމަކީ ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށަކަށް ވެފައި މުއިއްޒުގެ ސަރުކާރެއްގައި އުތީމުގައި ޒަމާނީ ރަށްވެހިގެއެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.