ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންނަށް ސިއްހީ ނިޒާމުގެ ތެރެއިން ހިލޭ ބޯންމެރޯ ހެދޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި މިއަދު ހއ. އުތީމަށް ވަޑައިގަތުމުންއެ ރަށުގެ ރައްޔިތުންގެ ފަރާތުން ރަށުގައި ހުރި ތެލެސީމިއާ ކުއްޖެއްގެ ބޯންމެރޯ ހަދައިދިނުމަށް އެދިފައިވާތީއެވެ.
އެގޮތުން އުތީމު ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޒަކާތު ފަންޑުން ގިނަ ކުދިންތަކެއްގެ ބޯންމެރޯ ހަދައިދީފައިވާ ކަމަށެވެ.
ބޯންމެރޯ ހެދުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ނިޒާމުގެ ތެރެއިން ކުރެވެން ޖެހޭ ކަމެއް ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އަދި މުއިއްޒުގެ ސަރުކާރެއްގައި ހިލޭ ބޯންމެރޯ ހެދޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
ބޮޑުތިލަދުންމައްޗަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި، މިއަދު ހެނދުނު ހޯރަފުއްޓަށް ވަޑައިގެންނެވިއެވެ. އެއަށްފަހު އުތީމަށް ވަޑައިގެންނެވިއެވެ. ދެން ވަޑައިގަންނަވާނީ ވަށަފަރަށާއި ދިއްދުއަށެވެ.