ހއ.ދިގުފަރު ހިއްކައި އިހަވަންދުއާ ގުޅުވައިލުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕޭނަށް ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫގައިި ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ އިހަވަންދޫގެ ބިމުގެ މައްސަލައަށް ހައްލު ގެންނަންޖެހޭ ކަމަށާއި އެހެންކަމުން ދިގުފަރު ހިއްކައި ދެ ރަށް ގުޅުވައިލާނެ ކަމަށެވެ.
“މި ރަށާ ކައިރީގަ އޮންނަ ދިގުފަރު ހިއްކައި މި ރަށުގެ ރައްޔިތުން އެދޭ ގޮތަށް ސިނާއީ ކަންކަމަށް އެ ތަނުން ބިން އުފައްދައިދީ ދިގުފަރާއި މި ރަށާ ގުޅުވައިލާނަން.“ އިހަވަންދޫ ރައްޔިތުންނާ މުޚާތަބު ކުރައްވައި މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވަނީ އޭނާގެ ސަރުކާރެއްގައި އިހަވަންދޫ މަސްވެރިންގެ ހުރި ކަންބޮޑުވުންތަަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރައްވާނެ ކަމަށާއި އައިސް ޕްލާންޓެއް ގާއިމުކޮށް ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސަވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.