ދިވެހި ގައުމުގެ މިނިވަންކަމާއި ގައުމިއްޔަތު ހިމާޔަތް ކުރަން އެދޭނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދޭން ޖެހެނީ ޕީޕީއެމް އަށް ކަމަށް ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ހއ. އިހަވަންދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޑރ. މުއިއްޒު ވިދާޅުވީ އިސްލާމް ދީނާއި ދިވެހި ބަހަކީ ގައުމިއްޔަތާ އެންމެ ބޮޑަށް ގުޅިފައިވާ ދެ އަސާސް ކަމަށެވެ.
ގައުމުގެ މުސްތަގުބަލާއި މިނިވަންކަން ސަލާމަތް ކުރަން ބޭނުންވާނަމަ އިސްލާމް ދީނާއި ދިވެހި ބަސް ހިމާޔަތް ކުރަންޖެހޭނެ ކަމަށާއި
އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ ދިވެހި ގައުމިއްޔަތު ގެއްލުވާލުމަށް ކުރާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މެނިފެސްޓޯގައި ދެވަނަ ދައުރެއް ލިބިއްޖެނަމަ ބޭނުންވާ ދަރިވަރުންނަށް އިސްލާމް މާއްދާ އިނގެރޭސިބަހުން ކިޔަވައިދިނުމުގެ ފުރުސަތު ފަހި ކޮށްދެއްވާނެ ކަމަށް ހިމަނާފައި ވާތީއެވެ.
އެހެންކަމުން މުއިއްޒު ވަނީ ދިވެހި ގައުމިއްޔަތު ދިރުވާ އާލާކޮށް ރައްކާތެރިކުރަން ބޭނުންވާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމަށް ނިމުން ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ދިވެހި ޤައުމުގެ މިނިވަންކަމާއި ޤައުމިއްޔަތު ހިމާޔަތް ކުރަން އެދޭނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދޭން ޖެހެނީ ޕީޕީއެމް އަށް ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.