ތިންވަނަ ބައި
ރައްޔާންއަށް އެގެއަށް އައުމަށް އަހަރެން ދަޢުވަތު ދިނުމުގެ ކުރިން އެގޭ މަރީދައްތަ ގާތުން ހުއްދަ ހޯދީމެވެ. މިއީ މިގޮތަށް އަހަރެން މިކަހަލަ ކަމެއްގައި ހުއްދައަށް އެދުނު ފުރަތަމަ ފަހަރަށްވެފައި އަހަރެމެން އުޅެނީ ރައްޓެހިވެގެންކަން މަރީދައްތަ އަށާ މަރީދައްތަ ފިރިމީހާ، ޔޫޝައުއަށް ވެސް އެނގޭތީ އެދެމީހުންގެ ހުއްދަ ލިބުނެވެ.
ރައްޔާނައަށް އެގެއަށް އައުމަށް އަހަރެން ދަޢުވަތު ދިނުމުގެ ކުރިން އެގޭ މަރީދައްތަ ގާތުން ހުއްދަ ހޯދީމެވެ. މިއީ މިގޮތަށް އަހަރެން މިކަހަލަ ކަމެއްގައި ހުއްދައަށް އެދުނު ފުރަތަމަ ފަހަރަށްވެފައި އަހަރެމެން އުޅެނީ ރައްޓެހިވެގެންކަން މަރީދައްތަ އަށާ މަރީދައްތަ ފިރިމީހާ، ޔޫޝައުއަށް ވެސް އެނގޭތީ އެދެމީހުންގެ ހުއްދަ ލިބުނެވެ.
ރައްޔާން އައުމުން އަހަރެން ވަރަށް ނުކެރި ހުރެ ވެސް ކޮޓަރިއަށް އައުމަށް އެދުނީމެވެ. އެއީ ބޭރުގައި ތިބެން ޖެހިލުން ވާތީއެވެ. ޔޫޝައު އަކީ ވަރަށް ބަސް މަދު އިޙުތިރާމް ކުރެވޭ މީހަކަށް ވެފައި އަދި މަރީދައްތައަކީ ވަރަށް ދީންވެރި މީހަކަށްވުމުން ބޭރުގައި ތިބެން އަހަރެން ލަދު ގަންނާތީއެވެ. އަހަރެމެން ބޭނުންވާހަކައެއް ބޭނުން ރާގަކަށް ދެއްކޭނީ ވެސް މިނިވަން މާހައުލެއްގައި ކަމަށްވާތީއާ ވެސް އެކީގައެވެ. އިތުރު ނިޔަތެއް ނެތެވެ.
ކޮޓަރިއަށް ވަނުމަށްފަހު އަހަރެން އިށީނީ އެނދުގައެވެ. ރައްޔާން ވެސް އިށީނީ އެނދުގައެވެ. ދެމީހުންގެ ދެމެދުގައި ދުރުމިނެއް ބެހެއްޓީމެވެ. އެއްތަނެއްގައި އިށީނީ ވެސް ކޮޓަރީގައި އިށީންނާނެ އިތުރު އެހެންތަނެއް ނެތުމުންނެވެ. ރައްޓެހިވެގެން އެތައްމަހެއް ހޭދަވިއިރު ވެސް އަހަރެން އެއްވެސް އިރަކު ރައްޔާން އެދޭހާ ގޮތަކަށް އަހަރެންގެ ނަފުސު ދޫކޮށެއް ނުލަމެވެ. އަހަރެންގެ މިޒާޖު ހުންނަގޮތުން ރައްޔާން ވެސް މާބޮޑަކަށް އަހަންނާ ކައިރިވާކަށް މަސައްކަތެއް ނުކުރެއެވެ. އެކަމާ އަހަރެން އުފާ ވެސް ކުރަމެވެ.
ދެމީހުން ދޭތެރޭގައި ތަފާތު އެކިކަހަލަ ވާހަކަ ދެކެވެމުން ދިޔައެވެ. ރައްޔާން ބުނީ ދުވަހަކު ވެސް އަހަރެން ދެކެ ލޯބިވި ވަރަށް އެހެންމީހަކުދެކެ ލޯބި ނުވާކަމަށާ އަހަންނާ ވަކިވާން ޖެހިއްޖެނަމަ ހިތް ހަލާކުވާނެ ކަމަށެވެ. ރައްޔާން އަހަރެން ދެކެ އެހާވަރަށް ލޯބިވާކަން އޭނަގެ ޢަމަލާ ބަހުން ވެސް ސާބިތުކޮށްދެއެވެ. އެއީ އާ ކަމެއްވެސް ނޫނެވެ.
ދެމީހުންގެ ދެމެދު ދެކެވެމުންދިޔަ ވާހަކައިގެ އޮއެވަރު ބަދަލު ވަމުން ދާކަން ނޭނގި ހުރީ އަހަންނެވެ. ރައްޔާނުގެ އެ ވާހަކަ ތަކުގެ ސަބަބުން މަޑުމަޑުން ގޮސް ޖަޒުބާތުގައި ޖެހި އަހަރެމެންގެ ދެމެދުގައި ބެހެއްޓި ދުރުމިން ގާތްވެ، ހިތް ބެހިގެންދިޔައެވެ. ރައްޔާން ބުނަމުން ދިޔައީ އޭނާ އަހަރެން ދެކެ ލޯބިވާ މިންވަރާ އަޅާބަލާއިރު އަހަރެންގެ ފަރާތުން އުފަލާ އަރާމު މިހާރު މިލިބޭ ވަރަށްވުރެ އިތުރަށް ލިބެން ޖެހޭ ކަމަށާ އެވަރު އޭނައަށް ހައްގުކަމަށެވެ. މާދަމާ ވެސް އިންނަން ތައްޔާރަށް ތިބި ބަޔަކަށް މިހާރު ހުރިހާ ކަމެއް ވެސް ހުއްދަ ވާނެކަމަށް ރައްޔާނު ތަކުރާރުކޮށް ބުނަމުން ދިޔައީ އަހަރެންގެ ބުރަކަށީގައި ފިރުމަމުންނެވެ. އަހަންނަށް ނޭނގުނީ އެ ބުނާ މިންވަރަކީ ކޮބައިކަމެވެ. އަދި ކިހާވަރެއް ކަމެވެ. އެހެންކަމުން ރައްޔާންގެ އެވާހަކަތަކަށް މުޅިން އެއްބަސް ނުވެވުނަސް ރައްޔާން އުފާކޮށްދޭން އަހަރެން ވެސް ބޭނުން ވިއެވެ. އެއީ ދުވަސްގަނޑަކަށް ރައްޔާން ދުރަށް ދާތީ ރައްޔާން ހިތްހަމަޖައްސައިދީ އުފާ ކޮށްދިނުމުގެ ބޭނުމުގައެވެ.
ކުރިން ހަމައެކަނި ވާހަކަ ދައްކާލުމަކުން ނުވަތަ އަތުގައި ހިފާލާ ހިފާލުމަކުން އަހަރެމެންގެ ބައްދަލުވުންތައް ނިންމާލަނީއެވެ. އެހެންނަމަވެސް މިރޭ މުޅިން ތަފާތެވެ. އަހަންނަށް ވެސް މަޑުމަޑުން ރައްޔާންގެ ބީހުންތަކަށް އެދެވި އިޖާބަ ދެވެން ފެށިއެވެ. ލޮލާ ލޯ ގުޅި ރައްޔާންގެ ތުންފަތުގެ މީރުކަން ލިބެވެން ފެށުމުން އަހަރެންގެ ހިތް ވެސް ބަސް އަހާކަށް އެއްބަހެއްނުވިއެވެ. ރައްޔާންގެ ހޫނު ބީހުންތަކާ ފިނިފޮނި ބަސްތަކުން އަހަރެން މުޅިން އެހެން ޢާލަމަކަށް ގެންދިޔައެވެ. ލޯބީގެ ދާނުގައި އަހަރެމެން އުފާ ހޯދަމުން ދިޔައިރު ރައްޔާންގެ ކޮންމެ ކަމަކަށް އާނއެކޭ ބުނެވެމުން ދިޔައެވެ. ރައްޔާގެ ހަށިގަނޑުގެ ހޫނުން އަހަރެންގެ ހަށިގަނޑަށް އަރާމު ހޯދަމުން އަހަރެން ދިޔައީ މިފަދަ ގުޅުމަކީ އަދި މިފަދަ ހޫނަކީ މިހާތަނަށް އަދި ދުވަހަކު ވެސް އަހަރެން ތަޖުރިބާ ނުކުރާ މުޅިން އާ ކަންތައްތަކަކަށް ވާތީއާއެކު ދެމީހުން ވެސް އެކަކު އަނެކަކަށް ބޭނުންވެ ތިބެގެންނެވެ.
އެހެންނަމަވެސް ހުށިޔާރުކަމާއެކު އަހަރެންގެ ހަށިގަނޑުގެ އެތަންމިތާ ބޮސްދެމުން ދިޔަ ރައްޔާންގެ ހަރަކާތްތަކުން އަހަރެންގެ އަންނައުނު އަހަރެންގެ ހަށިގަނޑާ ވަކިވެގެންދާކަށް ހިތެއް އެއްބަހެއް ނުވިއެވެ. ރައްޔާންގެ ލޯބީގައި ދީވާނާވެ، މަސްތުކަން ވެރިވެފައިވާ އަހަރެންގެ ހިތަށް ސިކުނޑީގެ ބާރުފޯރުވަން އަހަންނަށް މަޖުބޫރުވީ ރައްޔާންގެ ޢަމަލު ހުރިގޮތުން ފަންސަވީސް އަހަރުވަންދެން ރައްކާކޮށްގެން ހުރި އަހަރެންގެ ޢިއްޒަތުއްނަފުސު އަހަންނާ ވަކިވެގެން ހިނގައިދާނޭ ކަމުގެ ބިރު ހީވި ހިސާބުންނެވެ.
ކުއްލިއަކަށް ނޭނގޭ ހިތް ހަމަ ނުޖެހުމަކުން އަހަރެންގެ ޒަމީރު އަހަންނަށް އިންޒާރު ދިނީކީއްވެ ކަމެއް ނޭނގުނެވެ. އެވަގުތު އަހަރެންގެ މޫނާ މޫނު ޖައްސައި ބާރުކޮށްގެން އޮތް ރައްޔާން ދުރަށް، މާދުރަށް ކޮއްޕާލެވުނީ ހަވާ ނަފުސުގެ މައްޗަށް ސިކުނޑީގެ ބާރުފޯރުވަމުން އަހަރެންގެ އިޚުތިޔާރުން ބޭރުގައެވެ. ރައްޔާންއަށް ވެސް ވިސްނާނުލެވި އޮތް ޙަރަކާތެއް އަހަރެން ކުއްލިއަކަށް ކުރުމުން ފުރަތަމަ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ރައްޔާނު އޮތީއެވެ. އަދި އޭގެ ފަހުގައި ތެދުވެގެން ދުއްވައިގަތް އަހަރެންގެ އަތުގައި ހިފަން އެއްލި އަތުން ރެކިގަނެގެން އަހަރެން ދުވެ ގޮސްވަނީ ފާޚާނާއަށެވެ. ފާޚާނާގެ ދޮރުލައްޕަމުން އަވަސް ގޮތަކަށް ތުރުތުރުލާ އިނގިލިތަކުން ދޮރުގެ ތަންޑު އަޅުވައިފީމެވެ.
ފާޚާނާގެ ދޮރުފަތުގައި ބުރަކަށި ޖައްސައިގެން ދެލޯ މަރައިގެން އަހަރެން ހުރިއިރު މީހުން ކިޔައިދީފައި ހުރި ކިތަންމެ ވާހަކައެއް އަހަރެންގެ ޚިޔާލަށް އައިސް ސިކުނޑި ފުރާލައިފިއެވެ. ލޯބީގެ ނަމުގައި މީހުން ކޮށްފައި ހުރި ފާފަތަކެވެ. އަދި ލޯބީގެ ނަމުގައި ހަށިގަނޑު ނީލަން ކިޔާފަހުން ލިބިފައި ހުންނަ ލަނޑުތަކެވެ. އެހެންކަމުން މި ކުރެވެން އުޅުނު ކަންތައްތަކާމެދު ފުންކޮށް ވިސްނާލެވުމުން ހަގީގީ ދުނިޔެއަށް އަހަންނަށް އާދެވިއްޖެއެވެ. އޭރު އަހަރެންގެ ނޭވާ ވަނީ ކުރުވެފައެވެ. މޭ ނެގި ނެގިފައި ޖެހެއެވެ. ކަރުތެރެވަނީ ހިކިފައެވެ. އަމިއްލަ ޟަމީރު ކުށްވެރި ކުރެވިއްޖެއެވެ. އެންމެ ފަހުން ގިސްލާ ރޮވިއްޖެއެވެ. އަދި ރައްޔާންއާ މެދު ހިތުގައި އެތައްގިނަ ޝަކުވާތަކެއް ހިނގައިގެންފިއެވެ. ފަހު ވަހުގުތުކޮޅު މި ގޮތަށް ނިންމުނީތީ ﷲ އަށް ހާސްފަށުން ޝުކުރުވެރިވެ ކައިވެނިން ބޭރުގައި އެފަދަ ޢަމަލެއް ނުހިންގުމަށް ހިތުގައި ޢަޒުމު ކަނޑައެޅީމެވެ. އަދި ސީދާ ރައްޔާން ގާތު އެވާހަކަ ބުނުމަށް ވެސް ނިންމީމެވެ. އަހަރެން ދެކެ އެހާ ލޯބިވަންޏާ ކައިވެނި އަވަސް ކުރުމަށް ބުނަން ވެސް ނިންމީމެވެ. މި ޚިޔާލުގައި އަހަރެން ހުއްޓާ އިވެންފެށީ ރައްޔާން އަހަންނަށް ގޮވާ އަޑެވެ. އެހެންނަމަވެސް އަހަރެން އަނގައަކުން ނުބުނަމެވެ. އެއީ އެހާ ހިތްވަރު ނެތީމައެވެ.
އަހަރެން ނުނިކުންނާނެކަން ޔަގީން ވުމުން ރައްޔާން ކޮޓަރިން ނިކުމެ ދޮރު ލެއްޕިއަޑު އިވިއްޖެއެވެ. ދެން ވެސް އަހަރެން ހުރީ ފާޚާނާގައެވެ.
އަހަރެން ހަމައަކަށް އެޅުމުން މޫނު ދޮވެލައިގެން ހަމަ ނިކުތްތަނާ އަނެއްކާ ވެސް ދޮރުގައި މީހަކު ޓަކި ދިން އަޑު އިވިއްޖެއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދުވެގޮސް ދޮރު ތަޅުލައިފީމެވެ. ދެވަނަ ފަހަރު ޓަކި ދިނީ އަހަރެން އެނބުރި ހިނގައިގަތް ވަގުތުއެވެ. އަޑުއިވުމާއެކު އަހަރެން ގަނޑުވިކަހަލައެވެ. ރައްޔާން އަނެއްކާވެސް އައީ ހެއްޔެވެ! ދެން އިތުރު ފުރުސަތެއް ނުދޭނަމެވެ. ރައްޔާނަށް ވެސް ކުރެވެން އުޅުނީ ގޯސްކަމެއްކަން ވިސްނުނީ ކަމަށްވެސް ވެދާނެއެވެ. އެހެންވީމާ އެ އައީ މަޢާފަށް އެދެންކަމަށް ވެސް ވެދާނެއެވެ. އެހެންވިޔަސް ހެވެވެ. ދޮރެއް ނުހުޅުވާނަމެވެ. އެހެންކަމުން ހިނގާފައި ގޮސް އެނދުގައި ހަމަ އިށީންތަނުން އިވުނީ މަރީދައްތަގެ އަޑެވެ.
“ޝިބާ، ދޮރު ހުޅުވަބަލަ! މީ މަރީދައްތައޭ!“ މަރީދައްތަ އެހެން ނުބުންޏަސް އެއީ މަރީ ދައްތަކަން އަޑުން ވެސް އަހަންނަށް އެނގެންވާނެތާއެވެ. އެކަމަކު ދެން ވެސް އިނީއެވެ. “އަނެއްކާ ކިހިނެތްވީބާ! އަދި ވެސް މަރީ ދައްތަމެން ނުނިދަނީ! ކީއްވީބާ!“ އަހަރެންގެ ޚިޔާލީ ވާފަށް ބުރިބުރިވީ ދެވަނަ ފަހަރު ވެސް މަރީދައްތަ ގޮވާލުމުންނެވެ.
މަޑުމަޑުން ތެދުވެގެން ގޮސް ދޮރު ހުޅުވުމުގެ ކުރިން އަތުން އިސްތަށިގަނޑު ރީތިކޮށް ހެދުން ވެސް ރަނގަޅުކޮށްލީމެވެ. މޫނުމަތީ އަތްހިންގާލާ ފޮހެލީމެވެ. ދެން މޫނުމައްޗަށް ހިނިތުންވުން ގެންނަމުން ދޮރު ހުޅުވައިލީމެވެ.
މަރީދައްތަ އިރުކޮޅަކު އަހަރެންގެ މޫނަށް ފަރުވާވެ ބަލަން ހުރުމަށްފަހު މަޑުމަޑުން ހިނގައިގަތީ ކޮޓަރި ތެރެއަށެވެ. އެ ވަގުތު އަހަންނަށް ހުރެވުނީ ކުށްވެރިއެއް ފަދައިން އިސްދަށަށް ޖަހައިލައިގެންނެވެ. މަރީދައްތަ ކޮޓަރި ތެރެއަށް ހިނގައިގަތުމުން އަހަރެންގެ ނަޒަރު ދަތުރުކުރީ ގުޅަކެވިފައިވާ އެނދުގެ ބެޑްޝީޓާ ދިމާއަށެވެ. ދުވެ ގޮސް ބިންމައްޗަށް ވެއްޓިފައި އޮތް ބާލީސް ނަގައިގެން ގުދުވެ ބެޑްޝީޓްގެ ރޫތައް ރަނގަޅުކުރަމުން މަރީދައްތަ އިށީންނަށް ތަން ދެއްކީމެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމަށްފަހު މަރީދައްތަ ކުޑަގޮތަކަށް އިށީނެވެ. އަދި އިސްޖަހާލައިގެން އިރުކޮޅަކު އިނުމަށް ފަހު އަހަރެންގެ އަތްތިލައިގައި ހިފާ ފިތާލަމުން އަތްތިލަ ގެންގޮސް މަރިދައްތަގެ އުނގުގައި ބޭއްވިއެވެ. ހީވާގޮތުން މަރީދައްތަ ބުނަންއުޅޭ ވާހަކަ ބުނަން އެ އުޅެނީ އުދަނގޫ ވެގެންނެވެ. އެހެން ހީވެގެން އަހަންނަށް ވެސް އިސްޖަހާލެވުނެވެ. އަނެއްކާ ވެސް ކުށްވެރިކަމުގެ އިހުސާސްކުރެވުނެވެ.
ކޮޓަރީގެ ފަންކާ އެނބުރޭ އަޑު ފިޔަވައި ދެން އިވެނީ ބޭރުން އިވޭ ބައެއް ފަނިފަކުސަ ގޮވާ އަޑު އެކަންޏެވެ. ގަރުނެއްހާ އިރަށް ދެމިގެން ދިޔަހެން ހީވި ވަގުތުކޮޅަކަށްފަހު މަރީދައްތަ ވާހަކަ ދައްކަން ފެއްޓިއެވެ.
“ޝިބާ! ތީ މަރީދައްތަ ވަރަށް އިތުބާރުކުރާ ކުއްޖެއް! އަދި އިޙުތިރާމް ވެސް ކުރާ ކުއްޖެއް! ގޯސް ފިޔަވަޅެއް މިހާތަނަށް ވެސް ނާޅާ ހުރި ކުއްޖެއްކަމުގެ ޔަގީންކަން މިރެއާ ހަމައަށް ވެސް އޮތް! އެކަމަކު މިރޭ ހީވަނީ އެ ހުރިހާ ޔަގީންކަމެއް ފުނޑުފުނޑު ވެއްޖެހެން!“
މަރީދައްތަގެ މި ވާހަކަތަކުން އަހަރެންގެ ހިތް ކަތިލެވިގެން ހިނގައްޖެއެވެ. މަރީދައްތަ އެބުނަނީ ނޭނގި ނަމަވެސް ނުވަތަ އެނގިގެން ނަމަވެސް މިރޭ ހިނގަން އުޅުނު އެ ޙާދިސާގެ ވާހަކައެވެ. އެހެންކަމުން މަދު މިނިޓްކޮޅެއް ކުރިން ހިނގަން އުޅުނު އެ ޙާދިސާ އަހަރެންގެ ސިކުނޑީގައި ވިކައިގަތެވެ.
މަރީދައްތައަށް އޮޅުންއަރާފައި އެއޮތީ އެކަން ހިނގި ގޮތް އެންމެ ނުބައިކޮށެވެ. ލަދުން ގޮސް އަހަރެންގެ ދޮން މޫނު ރަތްވެ، ހަށިގަނޑުގައި ހިނގަމުންދިޔަ ހުރިހާ ލެއެއް އަހަރެންގެ މޫނަށް ޖަމާވިހެން ހީވިއެވެ. އަރުތެރެ ބެދި ނޭވާލާން ވެސް އުދަގޫވެގެން ހިނގައްޖެއެވެ. އެހެންނަމަވެސް އަހަރެންގެ ދިފާޢުގައި އަހަރެން ނޫން މީހަކު ވާހަކަ ނުދައްކާނެއެވެ. ދައްކާކަށް ނުވެސް ހުންނާނެއެވެ. އަދިވެސް އަހަރެންނަކީ އެބުނާފަދަ ވިއަޔާ ނުދާ އަންހެނެއް ނޫންކަމުގެ ގެރެންޓީ މިރޭ މަރީދައްތައަށް ނުދެވިއްޖެއްޔާ އަހަރެންގެ ބޮލުގައި އެޅިގެން އެދަނީ ވަރަށް ވެސް ބޮޑު އިލްޒާމެކެވެ. ބަދުނާމެކެވެ. އެހެންކަމުން ނެތް ހިތްވަރުލާ ވާހަކަ ދެއްކޭތޯ، ހަގީގަތް ހާމަކޮށްދެވޭތޯ އަވަސްވެގަތީމެވެ.
( ނުނިމޭ )