ކޮވިޑް-19 އަނެއްކާވެސް ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ސައުތު ކޮރެއާގެ ސޯލްގެ ސްކޫލުތައް ބަންދުކޮށްފިއެވެ.
މިދިޔަ 2 ހަފްތާގެ ތެރޭގައި ސޯލްގެ 200 އަށް ވުރެ ގިނަ ސްކޫލު ދަރިވަރުންނާއި ޓީޗަރުންވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ޤައުމުގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ބުނާ ގޮތުގައި، ސެޕްޓެމްބަރ 11 ވަނަ ދުވަހާއި ޖެެހެންދެން ދަރިވަރުން ކިޔަވާނީ ގޭގައި އޮންލައިން ކޮށެވެ.
އެޤައުމުގެ ހެލްތު އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެ ޤައުމު އަނެއްކާވެސް އޮތީ ކޮރޯނާ ވައިރަހުގެ ރާޅެއްގެ ތުންފަތްމަތީގައެވެ. 25 މިލިޔަން މީހުން ދިރިއުޅެމުންދާ ސޯލްގެ ހުރިހާ ދަރިވަރުން ދެން ކިޔަވާނީ އޮންލައިންކޮށެވެ. އަދި މަތީ ޘާނަވީ ކުދިން ޑިސެމްބަރ މަހު ޓެސްޓް ހެދުމަށް ތައްޔާރުވަމުންދާ އިރު މިދިޔަ މެއި މަހުން ފެށިގެން އެ ޤައުމުގައި ފިޔަވަހިތަކަކަށް ބަހާލައިގެން ވަނީ ސްކޫލުތައް ހުޅުވުމުގެ މަސައްކަތް ކޮށްފައެވެ. އަދި 60 ދަރިވަރުންނަށް ވުރެ މަދުން ސްކޫލުތަކުގައި ކިޔަވާ ސްކޫލުތަކުން ބޭނުންވެއްޖެ ޙާލަތެއްގައި، މި އުސޫލުތަކަށް ބޯ ލެނބިދާނެކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
ސައުތު ކޮރެއާއިން މިހާތަނަށް 17000 މީހުންނަށް މި ބަލި ޖެހިފައިވާއިރު، މި ބަލީގައި 300 މީހުން ވަނީ މަރުވެފައެވެ. މި ޤައުމަކީވެސް ނިއު ޒިލެންޑް ފަދައިން ކޮރޯނާ ވައިރާހާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ލާމަސީލު ނަމޫނާ ދައްކާފައިވާ ޤައުމެކެވެ. ނަމަވެސް، މިހާރު މި ޤައުމުގައި އަނެއްކާވެސް މި ބަލި މި ދަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ.