ބޮލީވުޑްގެ ޝެހެންޝާ ކަމަށް ގިނަ ބަޔަކު ދެކޭ އަމީތާބް ބައްޗަން އާއި އާއިލާ ކޯވިޑް ބައްޔަށް ވަނީ ނިމިދިޔަ ޖުލައި މަހުގެ 11ވަނަ ދުވަހު ޕޮޒިޓިވް ވެފައެވެ.
މި ބައްޔާ ހަނގުރާމަ ކުރަމުންދާތާ ދެތިން ހަފްތާ ފަހުން އަމީތާބް ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާއިރު، މި ބައްޔަށް ޕޮޒިޓިވް ވި އަމީތާބް ގެ ފިރެހެން ދަރިފުޅު އަބީޝޭކް ބައްޗަން ވެސް މި ބަލިން ރަނގަޅުވެފައިވާ ކަމަށް މީޑިއާ ތަކުންވަނީ ރިޕޯޓް ކޮށްފައެވެ.
ބަލިން ރަނގަޅުވުމާއެކު މީޑިއާ ތަކަށް ދިން އިންޓަވިއު އެއްގައި އަބީޝޭކް ބުނެފައިވަނީ ފެށިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނުހަނު ކެތްމަތުވެފައިވާ ކަމާއި، ހުއްދަ ލިބުނުހާ އަވަހަކަށް އެ މަސައްކަތްތަކާ ގެން ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރުން މި ބަލި ޖެހިފައިވާ މީހުނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ މީޑިއާ ތަކުން ސުވާލު ކުރުމުން ޖަވާބެއްގެ ގޮތުގައި ބުނީ އޭނާއަކީ ސިއްހީ މާހިރެއް ނޫން ކަމާއި، އަމިއްލަ ހައިސިއްޔަތުން ބުނާ ނަމަ ރަނގަޅު ވިސްނުމެއް ގެންގުޅެ އަޚްލާގު ހިފެހެއްޓުމަށެވެ.
މިއަހަރަކީ އަބީޝޭކް ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވަމުން އަންނަތާ 20އަހަރު ފުރި ގިނަ ޕްރޮޖެކްޓު ތަކެއް ފަށާފައިވާ އަހަރެކެވެ. އެގޮތުން އެންމެ ފަހުން އަބީޝޭކް ފެނިގެން ގޮސްފައިވަނީ އެމޭޒަން ޕްރައިމް އިން ރިލީޒް ކުރި ވެބް ސީރީޒް ބްރީތް އިންޓު ދަ ޝެޑޯޒް އިންނެވެ.