ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޚިޔާނަތް ހިންގާފައިވާ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތުގައި ރައީސް ޔާމީން ދައުލަތުގެ ވަކީލުންނާ ދިމާއަށް ބަހުގެ ހަމަލާތަކެއް ދެއްވިކަމަށް ބުނާ ވާހަކަ އެމަނިކުފާނުގެ ވަކީލު ޑރ.މުޙައްމަދު ޖަމީލް ދޮގުކުރައްވައިފިއެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވާކަމަށް ނިންމައި 11 އަހަރަށް އެމަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ.
ހައިކޯޓުން މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށާފައިވަނީ މިވަނީ މި މައްސަލަ އިސްތިއުނާފު ކުރިތާ މަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
މިއަދު މެންދުރުފަހު 14:00 ގައި ފެށި ޝަރީއަތުގެ މަޖިލިސް ޢަޞްރު ނަމާދަށް މެދުކަނޑައިލި ވަގުތު ރައީސް ޔާމީން ދައުލަތުގެ ވަކީލުން ތިބި ތަނަށް ވަޑައިގެން ހިތްޕުޅު ހަމަޖެހިވަޑައިނުގެން ވާހަކަފުޅު ދެއްކެވިކަމަށް ނޫހަކުން ރިޕޯޓުކުރުމުން ޖަމީލް ވިދާޅުވީ އެއީ ދޮގެއް ކަމަށާއި ހަމައެކަނި ސަމާސާއަކަށް ސުވާލެއް ކުރެއްވީ ކަމަށެވެ.
”(ދައުލަތުގެ ވަކީލުންނާ) ދިމާ ނުކުރައްވާ. ހަމައެކަނި ސަމާސާ އަކަށް ސުވާލެއް ކުރެއްވީ. މިހާރު ހުރިހާ ނޫސްތަކެއްހެން ސަރުކާރުގެ ޖީބުގައި އޮތަސް ރ.އިބޫ ރޭވުމެއްގެ ދަށުން ރ.ޔާމީނަށާ ރ.ނަޝީދުއަށް އަނިޔާކުރާކަން ސިއްރެއް ނުކުރެވޭނެ.“
ޖަމީލް ވިދާޅުވީ ދައުވާތަކަކީ ޖަހާ ސަކަރާތެއް ކަމަށާއި ނޫސްތަކަށް އެ ވާހަކަ ލިޔަން ނުކެރުމަކީ ވަކި ވާހަކައެއް ކަމަށެވެ.